ހެލްތު މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މ. ސަނީކޯސްޓް، ޝަމާއު ޝަރީފު އައްޔަންކޮށްފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ޝަމާއުއަކީ ސިޓީ ކައުންސިލްގެ މި ނިމުނު ދައުރުގައި ޑެޕިއުޓީ މޭޔަރުކަން، އަދި އޭގެ ކުރީ ދައުރުގައި ކައުންސިލަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ރައީސް އޮފީހުން މިއަދު ވަނީ ޝަމާއުއަށް މިނިސްޓަރުގެ ނައިބުކަން ދިންކަން ހާމަކޮށްފަ އެވެ. ޝަމާއުއަކީ ސްރީލަންކާގެ އެމެރިކަން ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ސައިކޮލޮޖީ ދާއިރާއިން ޑިޕްލޮމާއަކާއި، އަދި ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެކުން ކައުންސިލިން ސައިކޮލޮޖީ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިހާރު ހެލްތު މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބަވަނީ ޝަމާއުގެ އިތުރުން އަބޫބަކުރު އަބްދުލްކަރީމް، އަބްދުއްޝުކޫރު އަބްދުލްހަކީމް، މަރިޔަމް ޚާލިދާ އަދި ސަފިއްޔާ މުހައްމަދު ސައީދެވެ. މީގެ އިތުރުން ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު ތިއްބަވަ އެވެ. އެއީ ޑރ. ޝާހު އަބްދުﷲ މާހިރު، މުހައްމަދު ޒުހައިރު، އަހްމަދު އާދިލް އަދި އާއިޝަތު ރަޝީދެވެ.

ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރައަށް 20،500 ރުފިޔާ އަދި 15،000 ރުފިޔާގެ އެލަވަންސަކާއެކު މަހަކު ޖުމްލަ 35،500 ރުފިޔާ ލިބޭނެ އެވެ.