މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލުން ނެއްޓުމުން ގޮތް ހުސްވެގެން އަލަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ދަށުން، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރުކުރުން މަނާ ކޮށްފި އެވެ.
މިއަދު ހަވީރު އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 26 ވަނަ ދުވަހުން ފެށިގެން ކާފިއު ނޫން ގަޑިތަކުގައި މީހުން ބޭރަށް ނުކުތުމަށް ފާސް ދޫކުރާނެ ކަމަށެވެ. އެގޮތުން މިގޮތަށް ދޫކުރަނީ ކޮންމެ ގެއަކަށް ދެ ފާސް ކަމަށެވެ.
ފާސް ދޫކޮށްފައި އޮންނަނީ އެގަޑީގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރަން ކަަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެ ޕާސްއާއެކު ބޭރަށް ނުކުންނަ ވަގުތުތަކުގައި މާލެ ސަރަހައްދު އޮންނަނީ ދެ ޒޯނަކަށް ބަހާލާފައި ކަމަށެވެ. އެއީ ހުޅުމާލެ އަކީ ވަކި ޒޯނެއްގެ ގޮތުގައި ކަަމަށާއި، މާލެ އާއި ވިލިމާލެ އަކީ ވަކި ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރު ކުރެވުނު ނަމަވެސް، މާލެއިން ހުޅުމާލެ އަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އަދި ހުޅުމާލެއިން މާލެއަށް ވެސް ދަތުރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވިލިމާލެ އާއި އާއި ދޭތެރޭގައި ދަތުރު ކުރެވޭ ގޮތަށް، އެކަމަކު ހުޅުމާލެ، ހަމަ ހުޅުމާލެ ވަކި ޒޯނެއްގެގޮތުގައި އޮންނަ ގޮތަށް،އަދި މި ރެސްޓްރިކްޝަން ގަޑިތަކުގައި ޕާމިޓް ހޯލްޑަރުންނަށް ވެހިކަލް މޫވްމެންޓްވެސް ކުރެވޭނެ،" މަބްރޫކް ވިދާޅުވި އެވެ.
ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޝަރީފު ވިދާޅުވ، ބޭރަށް ނުކުންނައިރު، ފާސް ހޯދަން ވެރިފައި ކުރުމަށްޓަކައި ބޭނުންކުރާނީ ކަރަންޓް މީޓަރު ކަމަށެވެ.
ކާފިއު ނޫން ގަޑީގަ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ބޭރުގައި ހުއްދަ ލިބުނުކަމުގައި ވިޔަސް މާލޭގައި ދިރިއުޅޭ ފަރާތްތަަށް ހުޅުމާލެ ނުދެވޭނެ ކަމަށް ޝަރީފު ވެސް ވަނީ ވިދާޅުވެފަ އެވެ.