މިހާރު އެދިފައިވާ ހުރިހާ ގޭބީސީތަކުގެ ހައުސްހޯލްޑް ޕާމިޓް މާދަމާ ހެނދުނު 8:00 ގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
މާދަމާއިން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރާނެ އެވެ. އެ ގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް 16 ގަޑިއިރު ކާފިއު ހިންގާނެ އެވެ. އަދި ކާފިއު ނޫން ވަގުތު ވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.
ފުލުހުން މިއަދު ބުނީ، ހައުސްހޯލްޑް ޕާމިޓަށް މިހާރު އެދިފައިވާ ހުރިހާ ގޭބީސީތަކުގެ ފާސްތައް މާދަމާގެ ހެނދުނު 8:00 ގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި މިޕާމިޓަށް އެދޭއިރު ކަރަންޓް މީޓަރު ނަންބަރު ޖެހުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ. ބައެއް މީހުން ފެންމީޓަރު ނަންބަރު ޖަހާފައި ރިކުއެސްޓް ފޮނުވާކަން ފާހަގަކުރެވޭ ކަމަށާ އެގޮތަށް ފޮނުވާ ރިކުއެސްޓް ރިޖެކްޓް ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ހައުސްހޯލްޑު ޕާމިޓް ދޫކުރާނީ ދެ ވަގުތަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ. މި ފާސްނުލާ ބޭރުގައި އުޅުން މަނާވާނެ އެވެ.
ފުލުހުން ބުނީ ހުއްދަ ދޫކުރާނީ ވަކި މީހަކަށް ކަމަށާ އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ. ފާސް ދޫކުރާ މީހާ ނޫން އެހެން މީހަކު ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ އެއީ އެއް ގޭބީސީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ ހުއްޓުވާނެ ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ކާފިއު ވަގުތު އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާތްވެގެންވާ އިސްލާމްދީނުގެ ހުކުމްފުޅުތަކަށް ރުޖޫޢަނުވެ މަރުފަލި ޖެހިޔަސް ކޯވިޑް ކޮންޓްރޯލެއް ކަލޭމެނަކަށް ނުކުރެވޭނެ.