ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީނު ކުރުމަށްފަހު ކަރަންޓީނު ނިމުނުކަން އަންގައިދޭ ލިޔުން މިއަދުން ފެށިގެން ނުދޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކަރަންޓީނު ކުރާ މީހުނަށް ލިޔުން ދިނުން ހުއްޓާލައިފައި ވަނީ ބަލިވާ މީހުން ބަލިން ފަސޭހަ ވާނެ ތާރީހު ދެނެގަންނަން ނޭނގޭތީ ކަމަށާއި ކަރަންޓީނު ކުރާ ތާރީހުން ފެށިގެން 14 ދުވަހަކަށް ކަރަންޓީނު ކުރި ނަމަވެސް 14 ދުވަހުގެ ފަހުން ވެސް ބައެއް މީހުންގެ ހަށިގަނޑުގައި ބަލީގެ އަލާމާތްތައް ހުންނަ ކަމަށެވެ.
ޕޮޒިޓިވްވާ މީހާގެ ބަލި ހާލަތުގެ ގޮތުން އެކަހެރިވާން ޖެހޭ މުއްދަތު ތަފާތުވާ ކަމަށް އެޗްޕީއޭ އިން ފާހަގަކުރެ އެވެ. އެގޮތުން ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަ މީހުން 21 ދުވަހަށް އެކަހެރި ވާން ޖެހެ އެވެ. އިތުރަށް ބުނީ ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއްނަމަ އެކަހެރިވާން ޖެހޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާ ކަމަށާއި އެފަދަ މީހުން އެކަހެރި ކުރާންޖެހޭ މުއްދަތު އެނގޭނީ ޑޮކްޓަރުންގެ ލަފަޔާ އެކުގައި ކަމަށެވެ.
ކަރަންޓީނުގެ މުއްދަތު ހަމަވުމުން ބަލީގެ އަސަރު ހުންނަ މީހުން ބޭރަށް ނިކުމެ އުޅޭ ޝަކުވާތައް ލިބޭ ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެކަން ކުރަން ނޭނގި ފެއިލް ވީމާ ދެން ތިހެންކިޔާ. އެކަން ކުރަން އުޅެގެން އެ މުއްދަތެއް ދާފަހުން އެތައް ފޯނުކޯލެއް ކޮށްގެން ވެސް ޖަވާބެއް ނުދެވި އަތަށް ގޮވީ.