މާލޭ ކުލީގެ ކަންތައް ބެހުމާއި އެކަން ކޮންޓްރޯޯލް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ލިބިފައި ނުވާ ކަމަށް އެ ކޮމިޓީން ބުނެފި އެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އެހެން ބުނެފައި ވަނީ މާލޭގެ އިމާރާތްތަކުގެ ކުލި ކޮންޓްރޯލް ކުރުމަށް އެދި އަމިއްލަ މީހަކު މަޖިލީހަށް ފޮނުވި ޕެޓިޝަނެއްގެ މައްސަލަ ކޮމިޓީން ބެލުމަށް ފަހު އޭނާއަށް ޖަވާބުދާރީވެ ފޮނުވި ސިޓީއެއްގަ އެވެ.

"ނަވާނަވައި" ކިޔާ ޖަމިއްޔާކުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ 63 ޕަސެންޓް މީހުންނަކީ ކުއްޔަށް އުޅޭ ބަޔަކަށް ވާއިރު ރައްޔިތުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރެއް ކުއްޔަށް ހޭދަކުރުމަކީ ބޭ އިންސާފެއް ކަމަށެވެ. އަދި އެހާ ބޮޑު ހޭދައެއް ހަމައެކަނި މަދު ބަޔަކު މުއްސަނދިކުރަން ހޭދަކުރާނަމަ ފަގީރުކަމުން އަރައި ނުގަނެވޭނެ ކަމަށެވެ.

އެ ޕެޓިޝަނަށް ޖަވާބުދީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ ނަވާނަވައި ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ޕެޓިޝަނާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ކަމާ ގުޅޭ ފަރާތްތަކާ ކޮމިޓީގެ ބޭފުޅުން ބައްދަލުކުރައްވާ މައުލޫމާތު ސާފުކުރި ކަމަށެވެ.

އެގޮތުން ބީއެމްއެލް އިން ދީފައިވާ މައުލޫމާތަށް ބަލާއިރު މާލޭގައި އިމާރާތް ކުރަން ބީއެމްްއެލް އިން ދޫކުރާ ލޯން ތަކުގެ އިންޓަރެސްޓް ރޭޓް ކަނޑައެޅުމުގައި އެ ބޭންކަށް ހުރި ރިސްކުތަކާއި ލޯން ޕްރޮޑަކްޓް ބައްޓަން ކުރެވިފައި ހުރި ގޮތާއި އަދި އޭގެ ކެޓަގަރީތަކަށް ރިއާޔަތް ކުރާ ކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ. މާލޭގައި އިމާރާތް ކުރާ އިމާރާތް ތަކަކީ އެކި ފެންވަރަށް އިމާރާތް ކުރާ ތަންތަނަށް ވާތީ އެކި ލޯންތަކަށް ދައްކަން ޖެހޭ އަދަދު ކަނޑައަޅާނީ އެ ނަގާ ލޯނުގެ ނިސްބަތުން ކަމަށެވެ.

އެއަށްފަހު އެ ސިޓީގައި ބުނެފައި ވަނީ ގެދޮރު އިމާރާތް ކުރުމަކީ އަމިއްލަ ވިޔަފާރިއަކަށް ވެފައި ގެދޮރުގެ ކުލި ކަނޑައެޅުމަކީ އެ އިމާރާތްކުރާ ބަޔަކު ނުވަތަ ގޯތީގެ ވެރިފަރާތުގެ އަމިއްލަ އިހުތިޔާރުގައި ނިންމާ ނިންމުމަކަށް ވާއިރު އަމިއްލަ ފަރާތްތަކުން ކުރާ އެފަދަ ވިޔަފާރިތަކަށް ގޮތް ނިންމުމަކީ ކޮމިޓީއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.