މޮސްކޯ (26 މެއި) - ރަޝިއާގެ އިދިކޮޅު ލީޑަރު ކަމަށްވާ އެލެކްސީ ނަވަލްނީއަށް ޖަލުގައި ލިބޭ ނޫސްތަކުން ބައެއް ލިޔުންތައް ނަގާ ސެންސަރު ކޮށްފައިވާ ކަމަށް ބުނެ އޭނާ ހައްޔަރު ކޮށްފައިހުރި ޖަލަށް ދައުވާ ކޮށްފި އެވެ.

ބުދަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަމުން ނަވަލްނީ ވަނީ ޖަލުގެ އޮފިސަރުންނަށް އެހެން ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން އޭނާ ކިޔަން ގެންގުޅޭ ގުރުއާން ޚަތިމެއް އަތުލުމާއި ރޭގަނޑު ނިދިޔަ ނުދޭ ކަމަށް ބުނެ އޭނާ ވަނީ ކޯޓުގައި ޝަކުވާ ކޮށްފަ އެވެ.

ރައީސް ޕުޓިންގެ މައި އިދިކޮޅު ވާދަވެރިޔާ ނަވަލްނީ ދަނީ ޕޭރޯލް އާ ޚިލާފުވިކަމުގެ ތުހުމަތުގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ނަމަވެސް އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ނަވަލްނީ ބުނެ އެވެ.

އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ މާޗްމަހު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކޮށްފައިވާ ނަވަލްނީ ފެނުނީ ވަރަށް ހިކި އަނަރޫފަ ކޮށެވެ.

ނޫސްތަކުން ލިޔުންތައް ނުނަގަން ޖަލުން އެއްބަސްވެއްޖެ ނަމަ ކޭސް އަނބުރާ ގެންދާނެ ކަމަށް ނަވަލްނީ ބުންޏެވެ.

މިކަމީ ގުޅޭގޮތުން ޖަލުން ބުނެފައި ވަނީ އެ މުއައްސަސާއިން އަމަލު ކުރަމުން އަންނަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. --އަލް އަރަބިއްޔާ