އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ކުރެއްވި މަސައްކަތަށް މިހާރުގެ މިނިސްޓަރު އައިމިނަތު ޝައުނާ ޝުކުރު އަދާނުކޮށް އިންޓަނެޓުގެ އާ އަގުތައް މިއަދު އާއްމުކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.

ޓެކްނޮލޮޖީ މިނިސްޓަރު ކަމުގައި މަލީހު ހުންނެވިއިރު އޭނާ ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިންމައި ރައީސް އޮފީހަށް ފޮނުވައިފަ އެވެ. މަލީހުއަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް އައިސްފައިވާ ފަރާތެކެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މަލީހު މިނިސްޓަރުކަމުން ވަކިކުރީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ ހުށަހަޅައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު އެވެ.

މިނިސްޓަރުކަމުގައި މަލީހު ހުންނެވިއިރު ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށްވާ އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކާއެކު އެއްބަސްވުމަކަށްއަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ފަހު ރައީސް އޮފީހަށް ފޮނުވުމުން އިންޓަނެޓުގެ އަގުހެޔޮކުރުން ވަނީ ފަސްކޮށްފަ އެވެ.

އޭރު ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށް ހުންނެވީ މިހާރުގެ މިނިސްޓަރު ޝައުނާ އެވެ. މަލީހު ތުހުމަތުކުރާ ގޮތުގައި އިންޓަނެޓް އަގުހެޔޮ ނުވެ ހުރީ ރައީސް އޮފީހުގެ ތެރެއިން ޝައުނާ ކުރަން ޖެހޭ މަސައްކަތް ނުކޮށް ހުރުމުންނެވެ.

ސަރުކާރުން ބޮޑު ހަފްލާއެއް ބާއްވައި އަގުހެޔޮ އިންޓަނެޓްގެ އަގުތައް އާއްމުކުރި އިރު ޝައުނާ އެއްވެސް ވަރަކަށް މަލީހުގެ މަސައްކަތް ފާހަގަނުކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އެގޮތުން ޝައުނާ ފާޑު ކިޔާފައި މީހަކު ކުރެއްވި ޓުވީޓެއްގައި ބުނީ، އިންޓަނެޓްގެ އަގުހެޔޮކުރަން މަލީހުގެ ވަޒީރުކަމުގައި އެ މިނިސްޓްރީން ވަނީ ހުރިހާ މަސައްކަތެއްކޮށް ނިންމާފައި ކަމަށެވެ. އަދި އެކަން އެންމެ ރަނގަޅަށް އެނގޭނީ ޝައުނާ އަށާއި މިނިސްޓްރީގެ މުވައްޒަފުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެކަން އެނގޭއިރު ވެސް މަލީހުގެ މަސައްކަތް ޝައުނާ ކްރެޑިޓް ހޯދަނީ އަމިއްލަ އެދުން ބޮޑުކަމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ފޭސްބުކުގައި އަހުމަދު އަލީ ކިޔާ މީހަކު ބުނީ، އޭނާއަކީ ކުރިން ޓެކްނޮލޮޖީ މިނިސްޓްރީގައިި މަސައްކަތް ކުރި މީހެއް ކަމަށާއި މަލީހު މަގާމާ ހަވާލުވެ ފުރަތަމަ ހަ މަސް ދުވަހު އިންޓަނެޓް އަގުހެޔޮކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، ޝައުނާކުރި މަސައްކަތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެހެން މީހުންގެ މަސައްކަތް ޖަހައިގަނެ ޝުކުރުގެ ބަސް ހޯދުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން 10،000 ފޮލޯވަރުން ތިބޭ ޓުވިޓާ އެކައުންޓަކުން ބުނީ، މިހާރުގެ މިނިސްޓަރު ރައީސް އޮފީހުން މިނިސްޓަރުގެ މަގާމަށް ބަދަލުކުރީ ހަމައެކަނި އިންޓަނެޓުގެ އަގުތަށް އާއްމުކުރަން ކަމަށެވެ. އަދި ބުނީ، ރައީސް އޮފީހުގައި ހުރެގެން މަލީހުއަށް މަސައްކަތެއް ނުކުރެވޭކަން ދައްކަން އުޅުނީ ޝައުނާ ކަމަށާއި އެކަމުގެ ބަދަލު ދިނީ މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްގެން ކަމަށެވެ

އެހެން މީހަކު ބުނެފައިވާ ގޮތުގައި ގިނަ ބަޔަކު ތިބީ އިންޓަނެޓުގެ އަގުހެޔޮ ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. މަލީހު ހުރިހާ ކަމެއް ނިންމައި ރައީސް އޮފީހަށް ފޮނުވުމުން އަގުހެޔޮނުކޮށް ތިބީ މަލީހުއަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިސްޓަރުކަމާ ހަވާލުވެ ހުންނެވި ބޭފުޅަކަށް ވުމުން ކަމަށެވެ. އެހެންކަމުން ޝައުނާ އެ މަގާމަށް އައްޔަންކޮށް އަގުތަށް އާއްމުކޮށް ސަރުކާރުން ޖެއްސީ ސިޔާސީ ސްޓަންޓެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮވިޑް-19ގެ ކޮންޓްރޯލް ނުވުމާއި އަދި ގައުމުގެ އިގްތިސޯދީ ހާލަތު ހީނަރުވެފައިވާ ދަނޑިވަޅެއްގައި އިންޓަނެޓް އާ އަގުތަށް އާއްމު ކުރީ ސަރުކާރަށް ތާއިދު ހޯދަންކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.