މިދިޔަ އަހަރު ލޯނާއި ހިލޭ އެހީގެ ގޮތުގައި ފައިސާ ހޯދަން ކުރި މަސައްކަތުން 1.3 ބިލިއަން ޑޮލަރު ހޯދާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ފައިސާގެ ތެރެއިން 464 މިލިއަން އެމެރިކާ ޑޮލަރަކީ ކޮވިޑް-19ގެ ހާލަތުގައި ބޭނުންކުރުމަށް ހޯދި ފައިސާ އެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 7.1 ބިލިއަން ރުފިޔާ އެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަށް 872 މިލިއަން ޑޮލަރު ހޯދާފައިވާނެ ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން 13.4 ބިލިއަން ރުފިޔާ އެވެ. އަދި ވިދާޅުވީ، ފާއިތުވި އަހަރު ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ހޯދާފައިވާ 1.3 ބިިއަން ޑޮލަރުގެ ނުވަތަ 20 ބިލިއަން ރުފިޔާގެ އެވެރެޖު އިންޓަރެސްޓު ރޭޓަކީ 1.7 ޕަސަންޓު ކަމަށެވެ. އެ ލޯނުތައް ލިބުނު ގޮތްތައް ވެސް އަމީރު ވަނީ ސާފުކޮށްދީފަ އެވެ.

އެގޮތުން އެންމެ ގިނައިން ހިލޭ އެހީއާއި ލޯނު ލިބުނީ މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާއިންނެވެ.

އިންޑިޔާ ސަރުކާރު މެދުވެރިވެގެން ޖުމްލަ 400 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެއީ ރުފިޔާއިން ނަމަ، 6.1 ބިލިއަން ރުފިޔާ އެވެ. ޖަޕާނު ސަރުކާރު މެދުވެރިކޮށް ޖައިކާ މެދުވެރިވެގެން 50 މިލިއަން ޑޮލަރު ލިބުނުއިރު ސައުދީ ފަންޑުން ވެސް 50 މިލިއަން ޑޮލަރާއި ދުބާއީ ފަންޑުން 50 މިލިއަން ޑޮލަރު ވަނީ ރާއްޖެއަށް ދޭގޮތަށް ހަމަޖެހިފަ އެވެ.

އެ ތިން ގައުމުން ޖުމްލަ ދީފައިވަނީ 2.3 ބިލިއަން ރުފިޔާ އެވެ. ގައުމުތަކުގެ އިތުރުން ބޭރުގެ މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖެއަށް ފައިސާ ދީފަ އެވެ.

ބޭރުގެ މާލީ އިދާރާތަކަށް ބަލާއިރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ރެޕިޑް ކްރެޑިޓް ފެސިލިޓީއެއްގެ ގޮތުގައި 28.9 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 445.6 މިލިއަން ރުފިޔާ ލިބުނެވެ. ރާއްޖޭއާ ގާތްގުޅުމެއް އޮންނަ އޭޑީބީން 50 މިލިއަން ޑޮލަރާއެކު ޖުމްލަ 88 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ވޯލްޑް ބޭންކުން 68 މިލިއަން ޑޮލަރު ލިބުނުއިރު އޮފިޑުން 70 މިލިއަން ޑޮލަރު ވަނީ ދީފަ އެވެ.

މީގެ އިތުރުން އޭޑީބީން 20 މިލިއަން ޑޮލަރާއި އޭއައިބީން 47.3 މިލއިަން ޑޮލަރު ވަނީ ހަމަޖެހިފަ އެވެ. އެ އަދަދުތަކަށް ބަލާއިރު ޖުމްލަ ބޭރު މާލީ އިދާރާތަކުން ވަނީ 4.5 ބިލިއަން ރުފިޔާ ސަރުކާރަށް ވަނީ ދީފަ އެވެ.

އެ ހުރިހާ ފައިސާއަކީ އެއްފަހަރާ ދައުލަތުގެ ބަޖެޓަށް ޖަމާވާ ފައިސާއެއް ނޫނެވެ. އެއިން ބައެއް ފައިސާއަކީ މަޝްރޫއުތައް ހިންގަން ދިން ފައިސާއަށްވާތީ، އެ ފައިސާ ލިބެމުންދާނީ މަޝްރޫޢުތައް ހިނގަމުންދާ މިންވަރަކުންނެވެ. އަދި އެއިން ބައެއް ފައިސާއަކީ ހިލޭ އެހީ ކަމަށާއި، އަނެއް ބައި ފައިސާއަކީ ކޮންސެޝަނަލް ލޯނު ނުވަތަ ލުއި ލޯނުގެ ގޮތުގައި ލިބުނު ލޯނުތަކެވެ.

ލޯނުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުތައް ހާމަކުރެއްވިއިރު، ލުއި ލޯނުގެ ގޮތުގައި ލިބުނީ ކިހާ މިންވަރެއްކަމާއި ހިލޭ އެހީގެ ގޮތުގައި ހަމަޖެހުނީ ކިހާ ފައިސާއެއް ކަމާއި ވިޔަފާރި ރޭޓުން އިންޓަރެސްޓު ހަމަޖެހިގެން ނަގާފައިވަނީ ކިހާ އަދަދެއްގެ ލޯނުކަން މިނިސްޓަރު އަމީރު ވިދާޅެއް ނުވެ އެވެ.