ލަކްޝްދީޕް (27 މެއި)- އިންޑިއާގެ ލަކްޝަދީޕްގެ ސަރަހައްދީ ސަރުކާރުން އަލަށް އަޅަމުންދާ ފިޔަވަޅުތަކަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ލާބައާއި ތަރައްގީއަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ބުނެ މަލިކު ހިމެނޭ ސަރަހައްދުގެ ސަރުކާރުގެ ކަލެކްޓަރު އެސް އަސްކަރު އަލީ އެކަން ދިފާއުކޮށްފި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށާއި އެއީ ސަރުކާރު ބަދުނާމު ކުރުމަށްޓަކައި ބަޔަކު ހަދައިގެން އުޅޭ ޕްރެޕެގެންޑާއެއް ކަމަށެވެ.

ލަކްޝަދީޕްގެ އާ ސަރަހައްދީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު އެ ސަރަހައްދުގެ ގިނަ ރައްޔިތުން ދިނީ ހިތްހަމަނުޖެހުން ފާޅުކޮށް އެ ރަށްރަށުގެ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ. އަދި "ސޭވް ލަކްޝަދީޕް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ވަނީ ފަށާފަ އެވެ.

އާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި މަލިކުގެ ރަށްތަކުގައި ރާވިއްކުން ހުއްދަ ކުރުމާއި ކެއުމުގައި އެއްގަމު މަހުގެ ބާވަތްތައް ބޭނުން ކުރުން މަނާކުރުން ހިމެނެ އެވެ.

މައްސަލަ ހޫނުވި ފަހުން ސަރުކާރުން ނެރުނު ފުރަތަމަ ރަސްމީ ބަޔާނުގައި އަސްކަރު ވިދާޅުވީ މަލިކުގެ ރަށްތަކާއި ދިވެހިރާއަޖޭގެ ރަށްތަކަކީ އެއްގޮތް ރަށްތަކެއް ކަމުގައި ވިޔަސް ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެ މާ ކުރިއަރާފައިވާ ކަމަށެވެ. އަދި ރާ ހުއްދަ ކުރުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހި ރާއްޖެއާއި އެއްގޮތް ސަގާފަތެއް ލިބިގެންވާ މަލިކުގެ އާބާދީއަކީ 97 ޕަސެންޓް މުސްލިމުންނެވެ. -- އިންޑިއަން އެކްސްޕްރެސް