1901 ވަނަ އަހަރު އޭރުގެ އިނގިރޭސި ރާނީ ކުއީން ވިކްޓޯރިއާ އަވަހާރަވުމާއެކު އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އެޑްވަޑްގެ އެންމެ އިސްކަމަކަށްވީ ރާނީގެ ޚާދިމަކަށް އުޅުނު އަބްދުލް ކަރީމާއި ރާނީއާ ދެމެދު ހިނގާފައި ހުރި ހުރިހާ މުއާމަލާތެއްގެ ރެކޯޑު ނައްތަވާލެއްވުމެވެ. މިކަމަށްޓަކައި އަބްދުލް ކަރީމުގެ ގެއަށް ގަނޑުގަވަރުގެ ގާޑުން ފޮނުވައި އެގެ ފާސްކޮށް އެގެއިން ފެނުނު ރާނީގެ ސިޓީ ފަދަ ހުރިހާ ލިއުމެއް ވަގުތުން އަންދާލި އެވެ.
ގަނޑުވަރުގައި ހުރި ސިޓީތަކާއި އެފަދަ އެހެނިހެން ލިޔެކިޔުންތަކާ މެދުގައި ވެސް ކަންތައް ކުރެވުނީ ހަމަ އެފަދައިންނެވެ. ރާނީގެ ޑައިރީގައި ހުރި ކަރީމާ ބެހޭ ހުރިހާ ރިފަރެންސެއް ފޮހެލައި ޑައިރީ އެޑިޓްކުރި އެވެ. މިކަން ކުރީ ރާނީގެ އަންހެން ދަރިފުޅު ޕްރިންސެސް ބީޓްރީސް އެވެ.
ޝާހީ އާއިލާއިން އެހާވަރަކުން ތާރީޚުން ފޮހެލަން އުޅުނު އަބްދުލް ކަރީމަކީ ބްރިޓިޝް އިންޑިޔާގެ އާގަރާގެ މުސްލިމް އާއިލާއެއްގެ ޒުވާން ފިރިހެން ކުއްޖެކެވެ. އޭރު އިނގިރޭސީންގެ ބައެއްކަމުގައިވާ އިންޑިއާއާއި އެ ގައުމުގެ ސަގާފަތާމެދު ކުއީންގެ ހިތްޕުޅުގައި އާދަޔާ ޚިލާފު ޝައުގުވެރިކަމެއް އޮތެވެ. ނަތީޖާއެއްގެ ގޮތުން އެކަމަނާގެ ރަނިކަމުގެ ގޯލްޑަން ޖުބްލީ ފާހަގަކުރެވޭ ހަފުލާގައި ވެއިޓަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް އިންޑިއާއިން ދެ މީހަކު ގެންނަން އެ ކަމަނާ އަމުރު ކުރެއްވި އެވެ. އެއް އަހަރު ދުވަހު ރާނީއަށް ޚިދުމަތް ކުރުމަށް އިންޑިއާއިން ފޮނުވި ޒުވާން ދެ ފިރިހެން ކުދިންގެ ތެރެއިން އެކަކީ އަބްދުލް ކަރީމެވެ. ފުރަތަމަ ފެނިލުމުން ވެސް ޒުވާން އަބްދުލް ކަރީމާމެދު ކުއީން ވަރަށް ބޮޑަށްހިތްޕުޅު ހަމަޖެހުނު ކަމަށްވެ އެވެ.
ކްއީން ވިކްޓޯރިއާއަކީ އުމުރުން އެންމެ 18 އަހަރުގައި އިނގިރޭސި ވެރިކަމުގެ ތާޖު ތުރުކުރެއްވި އެ ގައުމުގެ އެންމެ ނަން މަޝްހޫރު ނުފޫޒު ގަދަ ރަނިކަނބަލުންގެ ތެރެއިން ރަނި ކަނބަލެކެވެ. އެކަމަނާގެ 63 އަހަރުގެ ރަނިކަމުގެ ދުވަސްވަރަކީ އިނގިރޭސި ޝާހީ ވެރިކަމުގައި ފާހަގަކޮށްލެވޭ ދުވަސްވަރެކެވެ.
ރަނިކަމަށް ފަންސާސް އަހަރު ފުރުނު އިރު އެ ކަމަނާގެ ހަތް ބޭފުޅުން ދުނިޔޭގައި ތިއްބެވި އެވެ. އޭރު އެ ބޭފުޅުން ބައްޕާފުޅު ޕްރިންސް އަލްބަޓް ވަނީ މި ދުނިޔެ ދޫކުރައްވާފަ އެވެ. ޕްރިންސް އަލްބަޓަކީ ރާނީގެ ރަސްމީ ކަންތައްތަކުގައި އެ ކަމަނާއަށް ހުރިހާ ގޮތަކުން އެހީތެރި ވެދެއްވައި ގަނޑުވަރު ތެރޭގެ ކަންތައް ހިންގުމުގައި އިސްކޮށް ހުންނެވި ބޭފުޅާ އެވެ. އަލްބަޓްގެ ވަކިވުމަށްފަހު ކުއީންގެ ހަޔާތަށް ވަރަށް ބޮޑު ހުސްކަމެއް އައިސް ނަފުސާނީ ބަލިމަޑުކަމަކާ ކުރިމަތިވެ ވަޑައިގެންނެވި އެވެ. އެ ހިތާމައިން އަރައިގަތުމުގައި ރާނީއަށް އެންމެ ބޮޑު އެހީއަކަށްވީ އެކަމަނާގެ ޚިދުމަތުގައި އުޅުއްވި ސްކޮޓިޝް ޚާދިމެއްކަމުގައިވާ ޖޯން ބްރައުން އެވެ. ޖޯން ބްރައުން ފަހުން ވެގެންދިޔައީ ރާނީގެ އެންމެ އިތުބާރުހިފޭ އެންމެ ގާތް ޚިދުމަތްތެރިޔާގެ ގޮތުގަ އެވެ. މިކަންވީ ރާނީގެ ބޭފުޅުންނާއި ގަނޑުވަރުތެރޭގެ އެހެން މީހުނަށް ވެސް ބަލައިގަންނަން ދަތި ކަމަކަށެވެ. އެކަމަކު ޖޯން ބްރައުން މަރުވަންދެން ވެސް ރާނީގެ އަރިހުގައި އޭނާގެ މަގާމަކަށް ބަދަލެއް ނާދެ އެވެ. އިންޑިޔާގެ ޒުވާން އަބްދުލް ކަރީމް ގަނޑުވަރަށް އައިއިރު ޖޯން ބްރައުން މިދުނިޔެ ދޫކުރިތާ މާގިނަ ދުވަހެއް ނުވެ އެވެ.
އުމުރުން 24 އަހަރުގެ އަބްދުލް ކަރީމާ މެދު ރާނީގެ ހިތްޕުޅުގައި އާދަޔާ ޚިލާފު މަގާމެއް ދެވުމުގެ ސަބަބުން ރާނީއަށް ފަރިއްކޮޅު އެރުވާ ޚާއްސަ ޚާދިމެއްގެ ގޮތުގައި ހަމަ ޖެއްސެވި އެވެ. ނަމަވެސް އަބްދުލް ކަރީމު އެވަޒީފާއަކާ ހިތްހަމައެއް ނުޖެހުނެވެ. އޭގެ ބަދަލުގައި ކަރީމު ރާނީއަށް ދެންނެވި ކަމަށް ވަނީ އޭނާއަކީ އިންޑިއާގައި ކްލާކެއްގެ ވަޒީފާގައި އުޅެފައި އައި މީހެއްކަމުން ވެއިޓަރުކަމަކީ އޭނާއަށް އެކަށިގެންވާ މަގާމެއް ނޫން ކަމަށެވެ. ނަތީޖާ އެއްގެ ގޮތުން އަބްދުލް ކަރީމަށް އެކަމަނާގެ ޚާއްސަ ކްލާކްކަމުގެ މަގާމު ދެއްވައި އޭނާއަށް އިނގިރޭސި ބަސް ކިޔަވައި ދެއްވުމަށް ރަސްމީ އަމުރުފުޅެއް ކުރެއްވި އެވެ. މީގެ ބޭނުމަކީ ކަރީމު އަނބުރާ އިންޑިއާއަށް ނުދާނެ ގޮތް ހެއްދެވުމެވެ. އެއަށްފަހު އޭނާ ވެގެން ދިޔައީ ރާނީގެ އެންމެ އިތުބާރު ކުރެވޭ އެންމެ އަރިސް ޚާދިމަށެވެ. ނަތީޖާއެއްގެ ގޮތުން ޝާހީ އާއިލާ އާއި ގަނޑުވަރުތެރޭގެ މުއައްޒަފުންގެ ހިތުގައި އަބްދުލަކަރީމާ މެދު އުފެދިގެން ދިޔައީ ވަރަށް ބޮޑު ނުރުހުމެކެވެ.
ގަނޑުވަރު ތެރޭގެ ކޯޅުމަށް ފަރުވާލެއް ނުބަހައްޓަވައި ރާނީ ގެންދެވީ އަބްދުލް ކަރީމާ އެކު އޮތް ގާތްކަން އިތުރަށް ބަދަހި ކުރައްވަމުންވެ. އެގޮތުން ކަރީމުގެ އަންހެނުންނާއި އާއިލާ ލަންޑަނަށް ގެންނެވި އެވެ. އެ މީހުން ދިރިއުޅުމަށް ޚާއްސަ ގެއެއް ދެއްވުމުގެ އިތުރުން ރާނީގެ ކޮންމެ ގަނޑުވަރެއްގައި ވެސް އަބްދުލްކަރީމުގެ އާއިލާ އުޅެން ޚާއްސަ ތަންތަން ހަމަޖައްސަވައިދެއްވި އެވެ. ކަރީމަކީ ހެދުމާއެކު ކަނޑި ހިފައިގެން އުޅުމުގެ ހުއްދަ އޮތް މަދު މީހުންގެ ތެރެއިން އެކަކު ކަމަށްވި އެވެ. ކަރީމަށް ޚާއްސަ އަސްގާޑިޔާއަކާއި ދުއްވާނެ މީހަކު ވެސް ރާނީ ހަމަ ޖައްސަވައި ދެއްވި އެވެ. މިފަދަ މަތިވެރި ދަރަޖައެއް ރާނީގެ ހިތްޕުޅުގައި ކަރީމަށް ދެވުނު ސަބަބާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ.
ރާނީގެ ގޯލްޑަން ޖުބްލީގެ ރަސްމިއްޔާތު ނިމުމާއެކު ހޫނު މޫސުމުގެ ޗުއްޓީއަށް އެކަމަނާ އައިލްސް އޮފް ވައިޓަށް ދަތުރުފުޅެއް ކުރެއްވި އެވެ. މިދަތުރުފުފުޅުގައި ކަރީމު ބައިވެރިވީ ރާނީގެ ވެއިޓަރެއްގެ ހައިސިއްޔަތުންނެވެ. މިދަތުރުގައި ކަރީމު، ކުކުޅު ރިހަ އާއި މުގާއި ބަތް ކައްކައި ރާނީއަށް ފަރީއްކޮޅެއް އެރުވި އެވެ. މި ފަރިއްކޮޅުވީ ރާނީއަށް ވަރަށް ކަމުދިޔަ ފަރީއްކޮޅަކަށެވެ. ޚާއްސަކޮށް އިންޑިއާގެ ރިހަ އެކަމަނާއަށް ވަރަށް ކަމުދިޔަ އެވެ. އޭގެ ފަހުން އެކަމަނާގެ މެނޫއަށް ވެސް އިންޑިޔާގެ ރިހަ އިތުރު ކުރެވުނެވެ. އެ ހިސާބުން ރާނީ ކަރީމުގެ ކިބައިން އެދިވަޑައިގަތީ އެކަމަނާއަށް އުރުދޫ ބަސް ދަސްކޮށް ދެއްވުމަށެވެ.
މިމަސައްކަތް ކަރީމު ކުރި ފުރިހަމަކަމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާނީ އުރުދޫ ބަހުން ވާހަކަ ދައްކަވައި، ލިޔެ ކިޔުއްވަން ދަސްކުރައްވައިފި އެވެ. ކަރީމުގެ ކެއްކުމާއި ކިޔަވައި ދިނުމުގެ ހުނަރާއި ޝަޚުސިއްޔަތާ ރާނީ ވަރަށް ގަޔާވި އެވެ. އެހެންކަމުން ކަރީމު ރާނީގެ ގާތުގައި ބެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވަން ރާނީ ނިންމެވި އެވެ. ދުވަސްކޮޅެއް ފަހުން ކަރީމު ރާނީގެ ޚާއްސަ ސެކްރެޓެރީއަކަށް ބަދަކުރައްވައި އޭނާއަށް "މުންޝީ" ގެ ލަގަބު ދެއްވި އެވެ. މުންޝީއަކީ އުރުދޫ ބަހުން މުދައްރިސު ނުވަތަ ކްލާކް އެވެ.
ރާނީގެ އުމުރުގެ ފަހު ކޮޅުގައި ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ޝާހީ ދަތުރުފުޅުތަކެއް ކުރެއްވި އެވެ. މިއިން ކޮންމެ ދަތުރުފުޅެއްގައި ވެސް މުންޝީ އަބްދުލް ކަރީމު ހިމެނުނީ ރާނީގެ އެންމެ އަރިސް ޚިދުމަތްތެރިޔާ ކަމަށެވެ. އެހެންކަމުން ޔޫރަޕްގެ ބޮޑެތި ރަސް ރަސްކަލުންނާއި ބޮޑުވަޒީރުންނާއި ރަސްމީ އިއްޒަތުގައި ބައްދަލުވުމުގެ ޝަރަފު މުންޝީއަށް ލިބުނެވެ. ކަރީމެކޭ އެއްފަދައިން އޭނާގެ އާއިލާގެ އެންމެންނަށް ވެސް ގަނޑުވަރުތެރޭގައި ޚާއްސަ އިމްތިޔާޒުތަކެއް ލިބިފައި އޮތެވެ. ބުނެވޭ ގޮތުގައި އެ ދުވަސްވަރު ޝާހީގަނޑުވަރުތަކުގެ ތެރޭގައި ދުންފަތް ބޭނުންކުރުން މަނާވެފައި އޮތް ނަމަވެސް ވިންސާ ކާސްލްގެ ވިނަގަނޑުމަތީގައި ގުޑުގުޑާ ބުއިމުގެ ހުއްދަ އަބްދުލް ކަރީމުގެ ބައްޕަޔަށް އޮވެ އެވެ. އޭނާއަކީ އެ ގަނޑުވަރުގައި ގުޑުގުޑާ ބުއި ފުރަތަމަ މީހާ އެވެ.
ރާނީ އަވަހާރަވިއިރު ޖަނާޒާގެ ކަންތަކުގައި އެންމެ ޚާއްސަ މީހުންގެ ތެރޭގައި އަބްދުލް ކަރީމު ހިމެނުމަށް އެކަމަނާ އޮތީ ވަސިއްޔަތް ކުރައްވާފަ އެވެ. އާއިލާގައި އޭނާ އާއި ދެމެދު އުފެދިފައި އޮތް ނުރުހުމާއި ހަސަދަ ކިތަންމެ ބޮޑުކަމަށް ވިޔަސް ރާނީގެ މި އެދުން ފުރިހަމަ ކޮށްދިނުމުގެ ގޮތުން ރާނީގެ މޫނުފުޅު ދުށުމުގެ ފުރުސަތު އެރުވުނު މަދު ބައެއްގެ ތެރެއިން އެންމެ ފަހު ފުރުސަތު އަބްދުލް ކަރީމަށް ދެވުނެވެ.
ރާނީގެ ޖަނާޒާގެ ކަންތައް ނިމުމާއެކު އެކަމަނާގެ ދޮށީ ދަރިފުޅު އެޑްވަޑްގެ އަމުރުފުޅަށް މުންޝީ އަބްދުލް ކަރީމަށް ރާނީ ދެއްވާފައި ހުރި ގެ އޭނާގެ އަތުން އަތުލައި އާއިލާއާއެކު އޭނާ އިންޑިއާއަށް ފޮނުވައިލި އެވެ. އެކަމަކު އިންޑިޔާއިން ރާނީ ދެއްވި ބިމާއެކު އޭނާއަށް ޕެންޝަނެއް ހަމަޖައްސަވައި ދެއްވި އެވެ.
ކްއީން ވިކްޓޯރިއާ އާއި އަބްދުލްކަރީމާ ދެމެދު އޮތީ ލޯބީގެ ކޮންކަހަލަ ގުޅުމެއްކަމާ މެދު ތަފާތު ވާހަކަތައް ދެކެވެ އެވެ. ޝާހީ އާއިލާއިން އެކަމާ ބެހޭ ރެކޯޑްތައް ނައްތާލައިފައިވުމުން އެ ގުޅުމުގެ ހަގީގަތް ސާފު ނުވި ކަމަށް ވިޔަސް ރާނީގެ ހިތްޕުޅުގައި އިންޑިއާގެ މުސްލިމު ފިރިހެން ޚާދިމާއަށް ދެވިފައި ވަނީ އާދަޔާ ޚިލާފު ލޯތްބެއްކަން ޔަގީނެވެ.