ރޭކާ އާއި އަމީތާބް ބައްޗަން އަކީ 1970 ގެ އަހަރުތަކުގައި ހިންދީ ސިނަމާއިން ވިދާލި ލީޑް ޖޯޑެކެވެ. އެ ދެމީހުންގެ އޮން ސްކްރީން ކެމިސްޓްރީއަކީ ގިނަ ބަޔަކަށް ކަމުދިޔަ، އަދި އެ ސަބަބަށްޓަކައި ގިނަ ޕްރޮޑިއުސަރުން އެ މީހުންގެ ފިލްމުތަކުގައި އެކުގައި ކާސްޓްކުރި ސަބަބެކެވެ.

އެކުގައި ކުޅެމުން އައި ފިލްމުތައް ގިނަ ވުމާއެކު އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތައް ގަދަވި އެވެ. މި އަޑުތައް އިތުރަށް ވައިގައި ހިފީ ރޭކާ އަމީތާބް ދެކެ ލޯބިވާކަމަށް އެއްބަސްވެ، ނިއްކުރީގައި ސިންދޫރު ޖަހަން ފެށުމުންނެވެ. އޭރު ޖާޔާ ބާދުރީ އާ ކައިވެނި ކޮށްގެން އުޅުނު އަމީތާބް ރޭކާ އާ ދެވަނަ ކައިވެންޏެއް ކުރީކަމަށް ގިނަ ބަޔަކު އެހިސާބުން ގަބޫލު ކުރި އެވެ.

ދާދި ފަހުން ދިން އިންޓަވިއު އެއްގައި ޖާޔާ ބައްޗަން ވަނީ އޭނާގެ ފިރިމީހާ އާއި ރޭކާ އާއި ގުޅުވައިގެން އެރި އަޑުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ތުންތުން މަތިން އަޑުއިވޭ ކޮންމެ ވާހަކަ އެއް ގަބޫލުކުރި ނަމަ އޭނާގެ ދިރިއުޅުން ނަރަކައަކަށް ވީސް ކަމަށް ޖާޔާ ސިފަ ކުރި އެވެ.

ޖާޔާ އިތުރަށް ބުނީ އާއްމުންނާއި މީޑިއާތަކުން ދިޔައީ އަމީތާބްއާއެކު މަސައްކަތް ކުރި ކޮންމެ އަންހެން ތަރިއަކާ އޭނާގެ ނަން ގުޅުވަމުން ކަމަށެވެ. އަދި އެކަންކަމަށް ވިސްނުމަށް ވުރެ ކުރުން ރަނގަޅު ކަންތައް އޭނާގެ ދިރިއުޅުމުގައި ހުރި ކަމަށް ޖާޔާ ބުންޏެވެ.

"އެއީ ތެދެއްނަމަ އޭނާ ހުންނާނީ އެހެން ތަނެއްގައި. އާއްމުންނަށް އެދެމީހުން ކަމުދިޔައީ އޮން-ސްކްރީން ޖޯޑެއްގެ ގޮތުގައި، އެއީ މައްސަލަ އެއް ނޫން،" ޖާޔާ ބުންޏެވެ.

ރޭކާ އާއި އަމީތާބްއެކުގައި ފިލްމު ކުޅޭތީ އުނދަގޫވޭތޯ ސުވާލުކުރުމުން ޖާޔާ ބުނީ މީހުންނަށް އެ ދެތަރިން އެކުގައި ކަމުދިޔައީ ފިލްމުތަކުގެ ލީޑް ޖޯޑުގެ ގޮތުގައި ކަމަށާއި އެކަމާ އެއްވެސް އިރަކު ހިތްބުރަ ނުކުރާ ކަމަށެވެ.

ޖާޔާ އާއި އަމީތާބްގެ ކައިވެންޏަށް 48 އަހަރު ފުރިފައިވާއިރު އެދެ މީހުންގެ ކައިވެންޏަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ކައިވެނިތަކުގެ ތެރޭގައި ގުނާލެވޭ ކައިވެންޏެކެވެ.

ރޭކާ އާއި އަމީތާބްގެ ރަންޒަމާން ފާއިތުވެ ދިޔަ ނަމަވެސް އެދެމީހުންގެ ލޯބީގެ ވާހަކަ އަކީ މިހާރުވެސް އިންޑިއާގެ މީޑިއާތަކުންނާއި އާއްމުންގެ ތުންތުން މަތިން ދޭތެރެ ދޭތެރެއިން އަޑު ގަދަވާ ވާހަކަ އެވެ.