މަރާމާތަށް ފަހު މާލޭ ހުކުރު މިސްކިތް މިއަދު އަސުރު ނަމާދުން ފެށިގެން އަލުން ހުޅުވާގޮތަށް ހެރިޓޭޖް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މާލެ ހުކުރު މިސްކިތުގެ އަބާތުރަފިލުވުމަށް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ޓީމެއްކަމަށްވާ "އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ"އިންނެވެ.

ހެރިޓޭޓް މިނިސްޓްރީން ބުނީ އާބާތުރަފިލުވުމުގެ މަސައްކަތުގެދަށުން މިސްކިތުން ކަތުރުފަނި ނައްތާލުމުގެ ފަރުވާ ދިނުމާއި، ހިރިގަލަށް ފަރުވާދިނުމާއި އަދި ކާޕެޓު ނަގައި ދިގުމުއްދަތަށް ދެމިހުންނާނެ ނެވިލޯންވަނީ ފްލޯގައި އަޅާފަ އެވެ.

ހުކުރު މިސްކިތުގެ މަރާމާތަށްފަހު އަލުން ނޮވިލޯން އަޅާފައި. މި މިސްކިތް މިއަދު އަސުރު ނަމާދުން ފެށިގެން ހުޅުވާނެ. ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

ހުކުރު މިސްކިތް މިއަދު އަލުން ހުޅުވާއިރު ސްޓެލްކޯއިން އަންނަނީ އެ މިސްކިތުގެ މުންނާރު އާބާތުރަ ފިލުވައި ރީތިކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ އެ މިސްކިތް މި ހަފްތާގައި ހުޅުވަން ނިންމީ މިއީ އިސްލާމީ ދުނިޔޭގެ ގައުމުތަކުން ފާހަގަކުރާ "ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވާލްޑް" ދުވަސް ފާހަގަކުރާ ހަފްތާއަށްވާތީ އެއާ ގުޅުވައިގެން ކަމަށެވެ.

ހުކުރު މިސްކިތުގެ މުންނާރު އަލުން ކުލަލައި ރީތިކޮށްފައި. މި މަސައްކަތް ކުރިޔަށް ގެންދިޔައީ ސްޓެލްކޯއިން. ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

1656ވަނަ އަހަރު ބިނާކުރެއްވި މާލެ ހުކުރު މިސްކިތަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އަދި ތާރީޚީ އެއް މިސްކިތެވެ. ދިވެހިންގެ ހުނަރުވެރި އަތްތެރި މަސައްކަތްތަކާއި، ހިރިގަލުގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ފެންނަ މި މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މާލެއަށް ޒިޔާރަތްކުރާ ބައެއް ޓޫރިސްޓުން ވެސް މި މިސްކިތް ބަލައިލަން ޒިޔާރަތްކުރެ އެވެ.