އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފައަކަށް އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި، ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ހަމަދު އަބްދުލްއަނީ މިއަދު ވިދާޅުވީ، އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ދަރިވަރުންނަށް އިހުމާލުވެފައިވާ ނަމަ އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި އަދަބެއް ލިބެން ޖެހޭ ނަމަ އެކަން ކުރަން ވެސް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަމަދު ވިދާޅުވީ، ފްލައިން ސްކޫލުގެ މައްސަލައިގައި އެޅޭނެ ފިޔަވަޅުތަކާއި އެ ކަމުގައި ކުރިއަށް ދާނެ ގޮތަކާ ގުޅޭގޮތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް ލަފައަކަށް މިހާރު އެދިފައިވާ ކަމަށެވެ.

"ފްލައިން ސްކޫލުގެ ދަރިވަރުންނާއި ސްކޫލާ ދެމެދު ވެފައިވަނީ ސިވިލް ކޮންޓްރެކްޓެއް. އޭގެ ތެރޭގައި ހުންނާނެ ޖޫރިސްޓިކްޝަން ނުލިބޭ ދިމާތައް ވެސް. އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު ވާނީ އޭޖީގެ ލަފައަކަށް ވެސް އެދިފައި،" ހަމަދު ވިދާޅުވި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ މީގެ ކުރިން ފްލައިން ސްކޫލުގެ ފައިނޭންޝަލް އޮޑިޓެއް ހަދަން އެންގި ކަމަށާއި އޭރުން ފްލައިން ސްކޫލުގެ މާލީ ހާލަތު އެނގޭނެ ކަމަށް ހަމަދު ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ، ފްލައިން ސްކޫލުގެ މައްސަލަ ހައްލުކުރަން އެތާގެ މެނޭޖުމެންޓާ މަޝްވަރާ ކުރުމަކީ މިހާރު އޮޕްޝަނެއް ގޮތުގައި ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި މިހާރު ސަރުކާރުގެ ވިސްނުމަކީ މިހާރު ތިބި ދަރިވަރުންގެ ކޯސް ފުރިހަމަކުރެވޭނެ އިތުރު ގޮތްތަކެއް ހޯދައި ދިނުން ކަމަށް ވެސް ހަމަދު ވިދާޅުވި އެވެ..

ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، ފްލައިން ސްކޫލުގެ މައްސަލަ ވެފައިވަނީ ގައުމީ މައްސަލައަކަށް ކަމަށެވެ. އެކަން ހައްލުކުރަން ސިވިލް އޭވިއޭޝަނުން މަސައްކަތް ކުރާ ކަމުގެ ޔަގީންކަން ކޮމިޓީއަށް ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއަށްފަހު ވާހަކަ ދެއްކެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

ޑރ. އިބްރާހީމް ވިދާޅުވީ ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން ދިނުމާ ގުޅޭގޮތުން އޭޖީގެ ލަފައަކަށް އެދުނު ކަމަށެވެ. ނަމަވެސް އޭޖީން ލަފާ ދިނީ އެކަމުގައި ސަރުކާރުން ކޯޓަށް ދިއުމުގެ ބަދަލުގައި ދަރިވަރުން ކޯޓަށް ދިއުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން މި ކަމުގެ ތެރޭގައި ޖާމިނުވުން އެއީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބު އަޅުގަނޑުމެންނަށް ލަފާ ދެއްވާފައި ވަނީ،" ޑރ. ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލައިން ސްކޫލުގައި މިހާރު ކިޔަވާ ދަރިވަރުންގެ ކޯހުގެ ބާކީ މުއްދަތު އެހެން ތަނަކުން ފުރިހަމަކުރުމުގެ ފުރުސަތު ފަހިވޭތޯ ވެސް ބެލި ކަމަށެވެ. އެގޮތުން، މެލޭޝިއާ އާއި ބާސެލޯނާ ފަދަ ގައުމުތަކުގެ ފްލައިން ސްކޫލުތަކަށް ހުށަހެޅި ނަމަވެސް އިއާސާ އެޕްރޫވްޑް ތަނަކަށް ނުވުމުން އެހެން ސްކޫލެއްގައި ޕައިލެޓް ޓްރެއިނިން ފުރިހަމަކުރެވޭނެ މަގެއް ނުފެނުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ތަނުގައި މިހާރު ކިޔަވާ ދަރިވަރުންގެ ޕައިލެޓް ތަމްރީނުތައް އަލުން ފެށުމުގެ ހަރަދު ބަލަން ފިނޭންސް މިނިސްޓްރީގައި އެދުމުން ދަރިވަރުންނަށް 320 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.