އިންޑިއާގެ ބިޔަ ބައްރުން ވަކިވެ ރާއްޖޭގެ އުތުރުން އަރަބި ކަނޑުގައި އޮންނަ ލަކްޝްވަދީޕް (ލެކެޑީވްސް އައިލޭންޑްސް)ގެ ރައްޔިތުންގެ މުސްތަގުބަލާ މެދު އެ މީހުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. ލަކްޝްވަދީޕަކީ ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކު ވެސް ހިމެނޭ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ހިމެނޭ އިންޑިއާގެ ޔުނިއަން ޓެރިޓަރީއެކެވެ. 36 ރަށުގެ މައްޗަށް އެކުލެވިގެންވާ މިއަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށުގެ 97 ޕަސެންޓް ރައްޔިތުންނަކީ މުސްލިމުންނެވެ. މިއީ އިންޑިއާގެ ދަށުގައި އޮންނަ ކަޝްމީރު ފިޔަވައި އެ ގައުމުގައި މުސްލިމް މެޖޯރިޓި އޮންނަ ހަމަ އެކަނި ސަރަހައްދެވެ.
ލަކްޝްވަދީޕްގެ ރައްޔިތުންގެ މުސްތަގުބަލާމެދު ބިރު ހީވެ، ކަންބޮޑުވުން އުފެދުމާ ގުޅިފައި ވަނީ ދާދި ފަހުން އެ ޔޫނިއަންގެ ހިންގުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ ރައްޓެއްސެއް ކަމަށްވާ ޕްރާފުލް ކޯޑަ ޕަޓޭލްއާ ހަވާލުވުމާއެކު އޭނާ އަޅަން ފެށި ފިޔަވަޅުތަކަކާ ގުޅިގެންނެވެ.
ޕަޓޭލަކީ ގައުމެއްގެ ގޮތުގައި އިންޑިއާ އުފަންވީއްސުރެ ވެސް ލަކްޝްވަދީޕްގެ ހިންގުމާ ހަވާލުވި އެ އަތޮޅުން ބޭރުގެ ފުރަތަމަ މީހާ އެވެ. އެހެންކަމުން ލަކްޝްވަދީޕްގައި ހިނގަމުންދާ މައްސަލަތަކަށް ބެލުމުގެ ކުރިން ޕްރާފްލް ޕަޓޭލްއަކީ ކާކުތޯ ބަލާލަން ޖެހެ އެވެ.
ޕަޓޭލަކީ އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު މޯޑީ، ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު އެސްޓޭޓްގެ ހޯމް މިނިސްޓަރުކަން ކުރެއްވި ބޭފުޅާ އެވެ. އެއީ ގުޖްރާތުގައި މުސްލިމުންނާ ދެކޮޅަށް ގަތުލު އާންމު ހިންގި ދުވަސްވަރެވެ. 2018 ވަނަ އަހަރު އިންޑިއާގެ މަސްވެރިން ދިރިއުޅެމުން ގެންދިޔަ ހިސާބެއް ކަމަށްވާ މޯޓީ ޑަމަން ލަޢިޓް ހައުސްއިން ފެށިގެން ޖަމްޕޯރު ބީޗާއި ދެމެދު އައްސޭރީގެ ސަރަހައްދު ހުސްކުރަން އެ ސަރަހައްދުގައި އުޅޭ މަސްވެރިންނަށް ޕަޓޭލް އެންގި އެވެ. އޭރު އެ މަސްވެރިން އެ ސަރަހައްދުގައި ދިރިއުޅެމުން ގެންދާތާ އެތައް ސަތޭކަ އަހަރު ވެއްޖެ އެވެ. މިކަމަށް ނުރުހި، މަސްވެރިން އިހުތިޖާޖުކުރަން ފެށުމުން ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވުމާއި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވާހަކަދެއްކުން މަނާކުރާ ގަވާއިދެއް އެ ސަރަހައްދުގައި ހިންގި އެވެ. ފަގީރު ރައްވެހިންގެ އަޑު ކަނޑުވައިލުމަށް ފަހު 2019 ނޮވެމްބަރު މަހު ބުލްޑޯޒަރުތަކުގައި ގޮސް އެ މީހުންގެ ގެދޮރު ތަޅާއި މަސްވެރިން ވިއްސި ވިހާލި ކޮށްލި އެވެ. މިކަމުގެ ފަހަތުގައި ވަނީ ކަނޑުގެ އައްސޭރީގައި އޮތް އެ ހިތްފަސޭހަ ބިމުގައި ވިޔަފާރީގެ ގޮތުން އޭނާ އަށް ނަފާވާނެ ބޮޑު ޕްރޮޖެކްޓެއް ހިންގުމެވެ.
އިންޑިއާގެ މައި ސަރުކާރުން ޕަޓޭލް އާ ލަކްޝްވަދީޕްގެ ހިންގުން ހަވަލު ކުރުމާއެކު އެސަރަހައްދުގައި ޕަޓޭލް ހިންގަން ތައްޔާރުވަމުން ދަނީ ވެސް ކުރިން ބުނެވެނު މަސްވެރިންނާމެދު ވެސް ހިންގި ފަދަ އަމަލުތަކެކެވެ. ޕަޓޭލްގެ އިގުތިސާދީ ވިސްނުމަށް ބަލާއިރު ލަކްޝްވަދީޕްގެ ރަށްތަކަކީ އިންޑިއާގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދިޔުމަށް ރަނގަޅު ސަރަހައްދެކެވެ. އެހެންކަމުން އެ ރަށްތަކުގައި ދިރިއުޅޭ 65،000 ރައްޔިތުން އެހެން ހިސާބުތަކަށް ފޮނުވައިލުމަށްފަހު ރާއްޖޭގައި އޮންނަ ފަދަ ލަގްޒަރީ ޓޫރިޒަމް ސިނާއަތެއް އެހިސާބުގައި ތަރައްގީކުރުމަށް ޕަޓޭލްގެ ސިކުނޑިގައި ކުރެހިފައިވާނެ ކަމީ ޔަގީންކަމެކެވެ.
ލަކްޝްވަދީޕްގައި ޕަޓޭލް ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މަގު ފަހިކުރުމުގެ ގޮތުން އޭނާ ވަނީ ވަރަށް ހަރުކަށި ގަވާއިދުތަކެއް ހަދާފަ އެވެ. އެގޮތުން ސަރުކާރުގެ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތުންގެ ބިން އެއްވެސް މަޝްވަރާއެއް ނުކޮށް ސަރުކާރަށް ނެގޭ ގޮތަށް ވަނީ ގަވައިދު އެކުލަވާލައިފަ އެވެ. މީގެ އިތުރުން ވެސް އެ ރަށްތަކުގެ ރައްޔިތުންނަށް ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަލަށް އެކުލަވާލައިފައިވާ ގަވާއިދުގައިވެ އެވެ. އޭގެ ތެރޭގައި ދެ ކުދިންނަށްވުރެ ގިނަ ކުދިން ތިބޭ މައިންބަފައިންނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުން މަނާކުރުމާއި ގެރިމަސް ކެއުމާއި އޭގެ ވިޔަފާރިކުރުން މަނާކުރުމާއި ރާވިއްކުން ހުއްދަކުރުން ފަދަ އެ ރަށްތަކުގެ ރައްޔިތުންގެ ދިރުއުޅުން އުނދަގޫވާނެ ގިނަކަންތައްތަކެއް މި ގަވާއިދުގައި ހިމެނެ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ސަމަލުކަމެއް ދެވެނީ "ޕްރިވެންޝަން އޮފް އެންޓި ސޯޝަލް ބިހޭވިއާ"ގެ ނަމުގައި ކުށްވެރިވާ މީހުން ޝަރީއަތަކާ ނުލައި އެއް އަހަރު ދުވަހަށް ހައްޔަރު ކުރެވޭ ގަވާއިދެވެ. މުޅި އިންޑިއާއަށް ބަލާއިރު ވެސް ލަކްޝްވަދީޕަކީ ކުށުގެ ރެކޯޑު އެންމެ ދަށް ސަރަހައްދު ކަމަށްވާއިރު މިފަދަ ހަރުކަށި އަދަބު ލިބޭ ގަވާއިދެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ދުނިޔޭގެ މަޝްހޫރު ނިއުސް ނެޓްވޯކް، ގަތަރުގެ އަލްޖަޒީރާއާ ވާހަކަ ދެއްކި ލަކްޝްވަދީޕްގެ ރައްޔިތެއް ކަމަށް ހުސޭން ސަލާހު ބުނިގޮތުގައި އެ ގަވާއިދުގެ ބޭނުމަކީ ޕަޓޭލްގެ އަމަލުތަކާ އިދިކޮޅުހަދާ މީހުން ހައްޔަރު ކުރުމެވެ. ސަލާހަކީ ވެސް ޕަޓޭލްގެ ޕްލޭންތަކާ ދެކޮޅަށް އަޑު އުފުލާ އެކްޓިވިސްޓުންގެ ތެރެއިން މީހެކެވެ. މިގަވާއިދު އަދި ތަންފީޒުކުރަން ނުފަށަނީސް ވެސް ޕަޓޭލް ވަނީ ކަވަރައްތީގައި ބެނާއެއް ދެމުގެ ކުށުގައި އެ އަތޮޅުން ތިން މީހުން ހައްޔަރު ކޮށްފައި ކަމަށް ވެސް އަލްޖަޒީރާގައި ބުނެފައިވެ އެވެ.
ލަކްޝްވަދީޕް އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަކީ އިންޑިއާގައި އިންޑިޖިނަސް މީހުން ހިމާޔަތް ކުރުމަށް ހަދާފައިވާ ގާނޫނުގެ ދަށުން ހިމާޔަތް ކުރެވިފައިވާ ބައެކެވެ. ޕަޓޭލްގެ ޕްލޭން އެފަދަ ގާނޫނު ތަކާފުށުއެރިކަމަށް ވިޔަސް އިންޑިއާގައި މިހާރު ވެރިކަންކުރާ ކަނާތުފިޔައިގެ ހަރުކަށި ބީޖޭޕީ ސަރުކާރުން އޭނާއަށް ތަރުހީބުދެ އެވެ.
ލަކްޝްވަދީޕްގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް މުޅި އިންޑިއާގައި ވެސް އަޑު އުފުލެމުން އެބަދެ އެވެ. އެކަމަކު މިއަދު އިންޑިއާގައި ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު އެ އަޑުތަކަށް ޕަޓޭލްގެ ބާރު ކަނޑުވައިލެވޭނެ ކަމަކަށް ނުފެނެ އެވެ އެހެން ވެއްޖެ ނަމަ އެތައް ގަރުނެއް ވަންދެން އަރަބި ކަނޑުގައި އިންޑިއާގެ މައި ކަރައާއި ދިވެހިރާއްޖެއާ ދެމެދު ހަމަހިމޭން އަމާން ދިރިއުޅުމެއް އުޅެމުން ގެންދިޔަ މަސްވެރި އާއިލާތަކުގެ ދިރުން އެ ރަށްތަކުން ފޮހެވިގެން ދިއުން އޮންނާނީ ދާދި ކައިރީގަ އެވެ.
ދެން އޮތީ އައްޑޫ ސިޓީ ތިތަނަށް ވީގޮތް ވާނީ... އައްޑޫ ރައްޔިތުންނޭ އެމްޑީޕީގެ 6 މަޖިލިސް މެންބަރު އާއި ނިޒާރުގެ ބަހަން ނުހެއްލި އައްޑޫ އަށް އިންޑިއާ ބޭސް ގެނަވުން ހުއްޓުވާ. ނޫނީ މާދަމާ ތިމާމެންގެ އަބީ ދަރިން އަޅުވެތިވާނެެ.
މަތް ﷲ ގެ ކުޅަދުންވަންތަކަމުން އިންޑިޔާގެ ނުބައިކަން މި ދިވެހިރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް މިދަނީ ފެންނަމުން. މިއީ ދުވެހިރާއްޖެ އަޅުވެޔިކުރުމުގެ ދުވަސްވަރު މިކަމުން އިބުރަތެއް ހަސިލު ނުކުރިނަމަ ފަހުން ކުރާނެ އެއްވެސް ކަމެއްނޯންނާނެ.