ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތު އިސްލާހުކޮށް ނަފުރަތު އުފެއްދުމަކީ ކުށެއް ކަމުގައި ކަނޑައެޅުމުގެ ބިލު އޮތްގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ޔަހޫދީއެކޭ ބުނުން ވެސް ކުށަކަށްވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމު ވިދާޅުވެއްޖެ އެވެ.

މީހުން ކާފަރުކުރުން މަނާކުރަން ހުށަހެޅި ބިލެއް ކަމަށް ބުނެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އާންމު ތަނެއްގައި މީހަކާ ދިމާލަށް އިސްލާމްދީނާ ހިލާފަށް އެމީހާ އުޅެއޭ ބުނުންވެސް ކުށަކަށް ހަދާފައިވެ އެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާ އާއި ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ވަނީ ނަފްރަތުގެ އަމަލުތަކުގެ ތެރޭގައި ހިމަނާފަ އެވެ.

އަދި އެއީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ އަހަރު ދުވަހުގެ ހުކުމެކެވެ. އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެކެވެ. އަދި އެންމެ ކުޑަ މިންވަރަކީ އެއް މަހާއި ހަދުވަހުގެ ޖަލު ހުކުމެކެވެ.

އިސްލާހުގައި އިތުރަށް ބުނެފައި ވަނީ، މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުމާއި އެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަދަ އެފަދަ ކަމަކަށް ހިތްވަރު ދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށެވެ، އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު ހުކުމަކީ 2 އަހަރުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ހިސާން އެ އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާއެކު އާއްމުންގެ އިތުރުން ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ކަންބޮނޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ވިލިމާލެ ދާއިރާގެ މެމްބަރު އެ ބިލަށް ކަންބޮނޑުވުން ފާޅުކުރައްވާ ވިދާޅުވީ، އެ އިސްލާހު ފާސްކޮށްފިނަމަ ނަތަންޔާހޫއަކީ ދީނާ ހިލާފު (ޔަހޫދީ) މީހެކޭ ވެސް ނުބުނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ބިލު މިހާރު ފަރުމާކޮށްފައި އޮތް ގޮތަށް އެ ބިލު ފާސްކުރުމަށް ތާއީދުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ބިލު އޮތް ގޮތުން ކަންކަން ވަރަށް ފުޅާކޮށް މަނާކުރުމުގެ އެބައޮތް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

އުޝާމުގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ އެ އިސްލާހާމެދު ކަންބޮނޑުވުން ފާޅުކޮށްފަ އެވެ.