އިންޑިއާގެ ޔޫނިއަން ޓެރިޓެރީއެއް ކަމަށްވާ ލަކްޝަދީޕްގައި އާ ސަރުކާރު އުފެދުނީ ފާއިތުވި ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި އެސަރުކާރުގެ އާ އެޑްމިނިސްޓްރޭޓަރު ވަނީ އެ ސަރަހައްދު ތަރައްގީކުރުމުގެ ނަމުގައި އާއްމުންގެ ދިރިއުޅުމަށް ބުރޫއަރާ ފަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
ލަކްޝަދީބުގެ ރަށްތަކުގައި ހުރި އާއްމުންގެ ބިންތައް ސަރުކާރަށް ނެގޭނެ ގޮތް ހަދައިފި އެވެ. ސަރުކާރުގެ ޚިދުމަތުގައި އުޅެ މުސްކުޅިވީ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ނެރެ ބޭރުކޮށްލައިފި އެވެ. ސްކޫލްތަކުގައި އެއްގަމު މަސް ބޭނުންކުރުން މަނާކޮށްފި އެވެ. އެ ރަށްތަކުގައި ރަލުގެ ވިޔަފާރި ހުއްދަކޮށް އާއްމު ކޮށްފި އެވެ.
މި ހުރިހާ ފިޔަވަޅުތަކެއްގެ އަސްލުކަމުގައި މަލިކުގެ ސަރުކާރުން ދެކެނީ އެ ސަރަހައްދުގެ ފަތުރުވެރިކަން ފުޅާކުރުމެވެ. ސަގާފަތާ އާދަކާދައިގެ ގޮތުން އެއްކަހަލަ ސިފަތަކެއް ލިބިގެންވާ ދިވެހިރާއްޖެއާ އެއްހަމައަކަށް ފަތުރުވެރިކަން ތަރައްގީކުރުމެވެ. އާ އެޑްމިނިސްޓްރޭޓަރުގެ ތަސައްވަރަކީ މި އެވެ. ދިވެހިރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވޭ ނަމަ މަލިކުގައި ކުރި ނޭރުވޭންވީ ކީއްވެ ހެއްޔެވެ؟
ލަކްޝަދީބަކީ 26 ރަށެއްގެ މައްޗަށް އެކުލެވިގެންވާ ސަރަހައްދެކެވެ. އޭގެ ތެރެއިން މީހުން ދިރިއުޅެނީ އެންމެ 10 ރަށުގަ އެވެ. މި ރަށްތަކުގެ އިގްތިސޯދީ މައިނާރުކަމުގައި ޒަމާނުއްސުރެ ވެފައި ވަނީ މަސްވެރިކަމެވެ. އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ އަންހެނުންނެވެ. އިންޑިއާގެ މައި ބިމާ މުޅިން ވަކިވެފައިވާ ލަކްޝަދީބައަކީ ތިމާވެށީގެ ގޮތުން ބަލާއިރު ވެސް އެގައުމުގެ އެންމެ ކުޑަ ސަރަހައްދެވެ.
މި ހުރިހާ ކަމަކަށް ބަލާއިރުވެސް ފަތުރުވެރިކަމުގެ ރޮގުން ރާއްޖެއާ ލަކްޝަދީބާ އަޅާ ކިޔުމަކީ އެއްވެސް އަސާސެއް ނެތް ކަމެކެވެ. އެރަށްތަކުގައި ފަތުރުވެރިކަން މިހާރު ތަރައްގީވެފައި އޮތް ވަރަށްވުރެ އިތުރަށް ތަރައްގީވުމަކީ ނާދިރު ކަމެއްކަމަށް މާހިރުން ބުނެ އެވެ. ސަބަބަކީ އިގްތިސޯދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް ލަކްޝަދީބަކީ ރާއްޖެއާ މުޅިން ތަފާތު ސަރަހައްދަކަށްވުމެވެ.
އެއްވެސް ޝައްކެއް ނެތްގޮތުގައި އާދަކާދަ އާއި ސަގާފަތަށް ބަލާނަމަ ދެ ގައުމުގެ ދެމެދުގައި އެއްގޮތް ކަންތައްތަކެއް ފެންނާނެ އެވެ. އެކަމުގެ މޫ ލަނީ މީގެ އެތަކެއް ހާސް އަހަރު ކުރިން ރާއްޖޭގެ ތާރީހުގައި މަލިކުގެ ރަށްތައް އަދާކޮށްފައިވާ ދައުރަށެވެ.
ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު ލަކްޝަދީބު އާއި ރާއްޖެ އާ އެއް ހަމައެއްގައި އަޅާކިޔުމުގެ ޖާގައެއް ނެތެވެ. މިއަދު ފެންނަން އޮތް ހަގީގަތަކީ ރާއްޖެ އާ ލަކްޝަދީބުގެ ރަށްތަކަށް ތަފާތު އަމިއްލަވަންތަ ސިފަތަކެއް ލިބިފައި ވުމެވެ. ރާއްޖޭގެ އަމިއްލަވަންތަ ސިފަތަކަށް ބިނާކޮށް ލަކްޝަދީބުގެ ތަރައްގީގެ ކުރެހުންތައް ކުރެހުމަކީ އެ ކުރެހުންތަކުގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބިގެންދާނެ ކަމެއް ނޫނެވެ.
ލަކްޝަދީބަކީ ދިވެހި ރާއްޖެއެއް ނޫނެވެ. މިއީ ލަކްޝަދީބެއް ނޫނެވެ. ސަރަހައްދަށް ވެސް އަމިއްލަ ވަންތަ ތަފާތު ސިފަތަކެއް ލިބިގެންވެ އެވެ. އެހެންކަމުން ލަކްޝަދީބުގެ އާ އެޑްމިނިސްޓްރޭޓަރުގެ ތަސައްވަރަކީ ދެކޮޅު ނުޖެހޭ އަދި ޒަމާނަށް ނުފެތޭ ތަސައްވަރެއް ކަމުގައި ބުނަން ޖެހެ އެވެ.