ފުރާނައެއް ވަކިވެގެން ދިއުމުން މައާފަށް އެދި ނިންމާލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަހުގީގުކޮށް، މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދޭން ޖެހޭނެ.

އިިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ތުހުމަތުތަކެއް ކޮށް އޭނާގެ އިސްތިއުފާއަށް ގޮވާލައިފި އެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހެލްތް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ބަޔަކު މަރުވަމުންދާ ކަމަށެވެ. އަދި ބުނީ ކޮވިޑު-19އިގެ ބަލިމަޑުކަން މެނޭޖެކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތް ކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ބަޔަކު މަރުވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނަސީމުގެ އިސްތިއުފާއަށް ގޮވާލާފައި މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވި މައްސަލާގައި އެތައް ބަޔަކު މިނިސްޓަރު ނަސީމުގެ އިސްތިއުފާ އަށް ގޮވާލަމުންދާ ވަގުތެއްގަ އެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ، ފުރާނައެއް ވަކިވެގެން ދިއުމުން މައާފަށް އެދި ނިންމާލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަހުގީގުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ.

"ފުރާނައެއް ވަކިވެގެން ދިއުމުން މައާފަށް އެދި ނިންމާލުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަހުގީގުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް މިކޯލިޝަނުން ހަރުއަޑުން ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ ކޮވިޑް- 19އަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދު ކުރިއިރު އެ ފައިސާ މިދިޔަ އެއް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވާ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ބަލިމީހުންނަަށް ފަރުވާ ދިނުމަށް ބޭނުންކުރާކޮވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ހާލަތަށް ރިއާޔަތްކޮށް ގާއިމުކޮށްފައި ނުވާކަން އިދިކޮޅުން ވަނީީ ފާހަގަކޮށްފަ އެވެ.