ކޮވިޑަށް ފަރުވާ ދެމުންދަނިކޮށް ރޭ މަރުވި ފާތިމަތު މިޝްކާ މުހައްމަދު ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސްގެ ޚިދުމަތް ލިބުމުން ލަސްވި ސަބަބު ދެނެގަތުމަށް ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކުރުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން މިއަދު ގޮވާލައިފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިޝްކާގެ ހާލު ދެރަވުމުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިއުމަށް މިޝްކާގެ އާއިލާއިން އެމްބިއުލާންސްގެ ޚިދުމަތަށް އެދުމުން އެކަމަށް އިޖާބަދިނުން ލަސްވި ސަބަބު ދެނެގަންނަން ކަމާބެހޭ އިދާރާތަކުން އަވަސް އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކުރަން އާކުން ގޮވާލާ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަވިއިރު ވެސް، ކުޑަކުދިންނަށް ސިއްހީ ފަރުވާގެ ހައްގު ކަށަވަރުކުރުމަށް ހުރި ނިޒާމީ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާތީ، އާކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖޭގައި ކުޑަކުދިންނަށް ކޮވިޑް ޖެހެމުންދާ މިންވަރު އިތުރުވެ، 10 އަހަރުން ދަށުގެ 80 އަށްވުރެ ގިނަ ކުދިން ދުވާލަކަށް މިހާރު ކޮވިޑަށް ޕޮޒިޓިވްވާކަން ފާހަގަކޮށް ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އާކުން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.

މިޝްކާ މަރުވުމާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އެކަން ތަހްގީގުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މިމައްސަލައާ ގުޅިގެން މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.