ކޮވިޑް-19 ވެކްސިން ގަންނަ އަގުތައް ހާމަ ނުކުރަނީ ވެކްސިން ގަތް ކުންފުނިތަކުން އަދި އަގުތައް ހާމަކުރަން ބޭނުން ނުވާތީކަމަށް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް ވެކްސިން ގަތް އަގުތައް ހާމަނުކުރާތީ ގިނަބަޔަކު ދަނީ އެކަމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭކަމަށް ބުނަމުންނެވެ. އެކަމަށް ރައްދު ދެއްވައި މިނިސްޓަރު ނަސީމް ރޭ ވިދާޅުވީ، ވެކްސިންގެ އަގު ހާމަކުރުން ކުންފުނިތަކުން މަނާކޮށްފައިވާ ކަމަށެވެ. އެއީ އެކި ގައުމުތަކަށް ވިއްކާ އަގު ތަފާތުވުމުންނެވެ. އަދި ވިދާޅުވީ ވެކްސިން ގަންނަ އަގު ހާމަކުރުން ކުންފުނިން މަނާކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަނާ އިނގޭތޯ އަޅުގަނޑުމެން އެ [ވެކްސިން] ގަތް އަގު ހާމަކުރަން. އެއީ އެކި ގައުމަށް އެ މީހުން ވިއްކަނީ އެކި އަގަށް. ދެން އަޅުގަނޑަށް ދަންނަވަން ކެރޭ ވާހަކައަކީ އަޅުގަނޑުމެން އެހާ އަގުބޮޑުކޮނެއް ނޫނޭ އެ އެއްޗެއްހި ގަތީ އިނގޭތޯ. އެހެންވީމަ އެ މީހުން ހުއްދަ ދިން އިރަކުން އަޅުގަނޑުމެން އެކަން ހާމަކުރާނަން،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ހިލޭ ރަޝިއާއިން ވެކްސިން ލިބެން ހުއްޓާ ރާއްޖެއިން އެ ވެކްސިން ގަންނަ ކަމަށް ބުނެ ފަތުރާ ވާހަކަތަށް ދޮގުކޮށްފަ އެވެ. އެކަން ދޮގު ކުރައްވާ ނަސީމް ވިދާޅުވީ، އެއްވެސް ކުންފުންޏަކުން ތާޑް ޕާޓީއެއް މެދުވެރިކޮށް ވެކްސިން ނުގަންނާނެ ކަމަށެވެ. އެއީ ވެކްސިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން ތަކުގެ ތެރެއިން ރާއްޖެއިން މިހާތަނަށް ބޭނުން ކުރަމުން ދަނީ ކޮވިޝީލްޑް އާއި އެސްޓްރަޒެނިކާ އާއި ފައިޒާ އަދި ޗައިނާގެ ސިނޯފާމް ވެކްސިނެވެ. އޭގެ އިތުރުން ރަޝިޔާއިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކުރި ސްޕުޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަންނަން މިހާރު ވަނީ އޯޑަރު ދީފަ އެވެ. އަދި އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިންނާއި ސިންގަޕޫރުގެ އެސްޓްރަޒެނިކާ ވެކްސިން ވެސް ރާއްޖެއިން ގަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ

ކޮވިޝީލްޑްގެ 300،000 ޑޯޒަށް ވަނީ އޯޑަރު ދީ މިހާރު ފައިސާ ދައްކައިިފަ އެވެ. ނަމަވެސް ލިބިފައިވަނީ 100،000 ޑޯޒް އެވެ. ސިންގަޕޫރު ކުންފުނިން 700،000 ޑޯޒް ގަންނަން ވަސް ވަނީ ފައިސާ ދައްކާފަ އެވެ. އެ ވެކްސިން ލިބޭނެ ކަމަށް އެކި ތާރީހުތައް ދީފައިވާއިރު އަދި އެންމެ ވެކްސިނެއްވެސް ރާއްޖެއަށް ލިބިފައެއް ނުވެ އެވެ.

ޗައިނާގެ ސިނޯފާމް ވެކްސިންގެ 200،000 ޑޯޒަކީ އެ ގައުމުގެ ސަރުކާރުގެ އެހީއެކެވެ. އަދި ކޮވިޝީލްޑްގެ 33،000 ޑޯޒް އާއި ފައިޒާގެ 5،000 ޑޯޒަކީ ކޮވެކްސް ފެސިލިޓީގެ ދަށުން ލިބުނު ވެކްސިނެވެ.