ބަޖްރަންގީ ބައިޖާންއަކީ ފަހުގެ ތާރީޚެއްގައި ހިންދީ ސިނަމާއިން ފެނުނު އެންމެ ކާމިޔާބު އެއް ފިލްމެވެ. ފިލްމުގައި ސަލްމާން ޚާންއާއެކު މުންނީގެ ރޯލުން ފެނިގެންދިޔަ ހަރްޝާލީ މަލްހޯތްރާ ވަނީ އެ ފިލްމާއެކު ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.

ފިލްމަށް ހަ އަހަރު ވެފައިވާއިރު އިއްޔެއަކީ ހަރްޝާލީގެ އުފަން ދުވަހެވެ. ހަތް އަހަރުގެ ކުޑަ ކުއްޖެއްގެ ރޯލުން ފެނިގެން ދިޔަ ހަރްޝާލީ އަކީ މިހާރު ފުރާވަރުގެ "ޓީންއޭޖް" ކުއްޖެކެވެ.

ހަރްޝާލީއަށް 13 އަހަރު ފުރުން ފާހަގަކޮށް ބޭއްވި ކުޑަ ޕާޓީއެއްގެ ވީޑިއޯ އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. ފިޔާތޮށި ތީމްއަކަށް ތައްޔާރުކޮށްފައިވާ އެ ޕާޓީގައި ހަރްޝާލީ ވެސް ފެނުނީ ފިޔާތޮށި ކުލައިގެ ހެދުމެއްގަ އެވެ.

https://www.instagram.com/reel/CPpuGhVl3_A/?utm_source=ig_embed&ig_rid=6c27d599-855c-4f5f-8acd-8a71326e5226

ވީޑިއޯކޮޅާއެކު ހަރްޝާލީ ބުނެފައި ވަނީ އެއީ އޭނާގެ އުފަންދުވަސް ކަމަށާއި އެންމެ ފަހުން ޓީންއޭޖް އުމުރުފުރައަށް އެޅީ ކަމަށެވެ.

ފާއިތުވި އަހަރު އާއްމުވި ހަރްޝާލީގެ ފޮޓޯތަކާއެކު ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބފަ އެވެ. ސިފައަށް ބޮޑު ބަދަލެއް އައިސްފައިވާ އެ ފޮޓޯތަކުން އޭނާގެ ހެދިބޮޑުވުން ސާފުކޮށް އެނގެ އެވެ.

އެ ފޮޓޯތަކާ ބެހޭގޮތުން ހަރްޝާލީ ބުނީ އޭނާވެސް ބޮޑުވެއްޖެ ކަމަށާއި ސަޕޯޓަރުންގެ ފަރާތުން ލިބޭ ލޯތްބަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މުސްތަގުބަލުގައި އެކްޓަރެސް އެއްގެ ގޮތުގައި ފެންނާނެ ކަމަށް ބުނަމުން ހަރްޝާލީ ބުނީ ކިޔެވުމާއި އެކްޓިން އެކުގައި ކުރުމުގެ ގާބިލިއްޔަތުކަން އޭނާގެ ހުރި ކަމަށެވެ.