ލަކްޝަދީބުވެ އާ އެޑްމިނިސްޓްރޭޓަރު އަޅާފައިވާ ލާއިންސާނީ ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލުމަށްޓަކައި 12 ގަޑިއިރުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކުރަން އެ ސަރަހައދުގެ ރައްޔިތުން ނިންމައިފި އެވެ.

ހައިހޫނުކަމުގެ މި ހަޅުތާލު ކުރުމަށް ނިންމާފައިވަނީ ސޭވް ލަކްޝަދީބުގެ ނަމުގައި ހިނގާ ކެންޕެއިންގެ ރަސްމީ ބައްދަލުވުމެއްގަ އެވެ. ބުދަ ދުވަހު ބޭއްވި މި ޖަލްސާގައި ނިންމާފައި ވަނީ ހަމައެކަނި ސިއްހީ އުޒުރުތަކާހުރެ ހަޅުތާލުގައި ބައިވެރި ނުވެވޭ މީހުން މި ހަރަކާތުން އިސްތިސްނާ ވާނެ ކަމަށެވެ.

ހަޅުތާލު ކުރިއަށް ދާނީ ޖޫން މަހުގެ ހަތްވަނަ ދުވަހު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށެވެ. ކޮވިޑް 19 ގެ ފިޔަވަޅުތަކާ އެއްގޮތަށް ހަރަކާތް ދޭތޯ ޔަގީން ކުރުމަށްޓަކައި ހަޅުތާލު ހިންގާ ކޮމެޓީގެ އިސްވެރިން ލަކްޝަދީބުގެ ހުރިހާ ރަށަކަށް ދާނެ އެވެ.

ބުދަ ދުވަހުގެ އެ ބައްދަލުވުމުގައި ލަކްޝަދީބުގެ މަޖިލިސް މެމްބަރު މުހައްމަދު ފައިޒަލްގެ އިތުރުން އެ ސަރަހައްދުގެ އިތުރު ސިޔާސީ ފަރާތްތައް ވެސް ބައިވެރިވި އެވެ.

އާ އެޑްމިނިސްޓްރޭޝަނުން ގެންނަން ހަމަޖެހިފައިވާ ބަދަލުތަކާ ބެހޭގޮތުން ރައްޔިތުންނާ މަޝްވަރާކުރުމަށްއެ އިދާރާގެ އޮފިޝަލުން ރަށްތަކަށް ގޮސްފައިވާއިރު އެމީހުންނަށް ލިބިފައިވަނީ ފިނި މަރުހަބާ އެކެވެ. -- ދަ ހިންދޫ