ކުރެހުމާއި އާޓްސްގެ ފަންނަކީ އަހަރުމެންގެ ތެރޭގައި "ތަދު" ފަންނެކެވެ. އެ ރޮނގުން ކުރިއަށްދާ ޒުވާނުން އަހަރުމެންގެ ތެރޭގައި ނިސްބަތުން މަދެވެ. ހާއްސަކޮށް އަންހެން ކުދިން މި ދާއިރާއިން ފެންނަ މިންވަރު ވަރަށް މަދެވެ.

އުމުރުން 18 އަހަރުގެ އާމިނަތު ޒަހާއަކީ އާޓްސްގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ އަންހެން ކުދިންނަށް ހުރި މިސާލެކެވެ. ވަރަށް ޅަ އުމުރުގައި ޒަހާ ވަނީ އާޓްސްގެ ފަންނުގައި ބޮޑު ކާމިޔާބީތަކެއް ހޯދާފަ އެވެ. ކ. ތުލުސްދޫއަށް ނިސްބަތްވާ މި ޒުވާނާގެ ވާހަކައަކީ އާޓްސްގެ ރޮނގުން ކުރިއަރަން ތިބި ފަންނުވެރިންނަށް ހިތްވަރު ލިބޭނެ ވާހަކަ އެކެވެ.

ޒަހާގެ އެންމެ ޅަފަތުން ފެށިގެން ކުރެހުމަށާއި އާޓްސްގެ އެކި ކަންކަމަށް އޭނާގެ ހިތުގައި ހާއްސަ ލޯތްބެއް އޮތެވެ. ސްކޫލުގެ އެކި ހަރަކާތްތަކުގައި ޒަހާ އައީ އޭނާއަށް ލިބިފައިވާ އާޓްސްގެ ހުނަރުތައް ދައްކަމުންނެވެ. އެކަންކަމަށް އޭނާގެ ހިތުގައި އޮތް ޝައުގު އިތުރުވީ އެއްބަނޑު އެއްބަފާ ދައްތަ ކުރެހުމުގެ ތެރޭގައި އުޅޭތަން ފެނި އެކަމުގައި ބައިވެރިވާން ލިބުމުންނެވެ.

"އަސްލު އެންމެ ބޮޑަށް އިންސްޕައާ ވީ ދައްތަ ކުރަހާ ތަން ފެންނާތީ... ދައްތަގެ ކުރެހުންތައް ބަލައިގެން އެންމެ ފުރަތަމަ ކުރަހަން ފެށީ،" ޒަހާ ބުންޏެވެ.

https://www.instagram.com/p/CPhUXcGpnU_/?utm_medium=copy_link

މިހާރު ސްކޫލު ނިންމުމަށްފަހު އާއިލީ ވިޔަފާރިއެއްގައި ވަޒީފާ އަދާކުރަމުން އަންނަ ޒަހާ ބުނީ ވަޒީފާގައި އުޅެމުން ވެސް އާޓްސްގެ މަސައްކަތްތަކަށް އޭނާ ވަގުތު ހުސްކުރާ ކަމަށެވެ. އަދި ފުރުސަތު ލިބިއްޖެ ނަމަ ކްރިއޭޓިވް އާޓްސްގެ ރޮނގުން މަތީ ތައުލީމް ހާސިލްކޮށް ފުލްޓައިމް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އުއްމީދެއް ކަމަށް ޒަހާ ބުންޏެވެ.

ކުރެހުމުގައި ވެސް "ރިއަލިޒަމް އާޓް" އަކީ ޒަހާ އެންމެ ޝައުގުވެރިކަމާއެކު ކުރާ ހިތްވާ މަސައްކަތެވެ. ހިތްގައިމު ގުދުރަތީ މަންޒަރުތަކާއި ޕޯޓްރެއިޓް ކުރެހުންތަކަކީ ޒަހާގެ ކެންވާސްތަކުން އާއްމުކޮށް ފެންނަ ކުރެހުން ތަކެކެވެ.

ޕޯޓްރެއިޓް ކުރެހުމުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި އާޓްސް ކިޔެވިއިރު އޭނާއަށް ލިބުނު ތަޖުރިބާ ޒަހާ ފާހަގަކުރެ އެވެ. ފަށައިގަތްއިރު ޕޯޓްރެއިޓް ކުރަހަން ނޭނގޭ ކަމަށާއި އެ ފަންނު ދަސްކުރެވުނީ ގިނަ ދުވަހުގެ މަސައްކަތުން ކަމަށް ޒަހާ ބުންޏެވެ. މިއަދު ޒަހާއަކީ އޯޑަރަށް ޕޯޓްރެއިޓް ކުރަހައިދޭ ކުޅަދާނަ ފަންނުވެރި އެކެވެ.

ޒަހާ: ފޮޓޯއެއް ބަލައިގެން ކުރަހަނީ. ފޮޓޯ: މާނިޝްއެމްވީ

"އެންމެ އުނދަގޫވާ ކަމަކީ ރާއްޖެއިން ބޭނުންވާ މެޓީރިއަސް ނުލިބުން. ބައެއް ފިހާރަތަކުން ކޮލިޓީ ޕްރޮޑަކްޓްސް ލިބުނަސް ބޭނުންވާ ވަކި އެއްޗެއް، ހާއްސަކޮށް މިދުވަސްކޮޅު ބޭރުން ގެންނަން ވަރަށް އުނދަގޫ،" މިދާއިރާގައި އޭނާއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ޒަހާ ބުންޏެވެ.

ކުރެހުމުގެ ދާއިރާއިން ރާއްޖޭގައި ކުރިމަގެއް އޮއްތޯ ސުވާލު ކުރުމުން ޒަހާ ދިނީ އުއްމީދީ ޖަވާބެކެވެ. ހަމައެކަނި ކުރެހުމާއި އާޓްސްގެ ރޮނގުން އާމްދަނީ ހޯދައިގެން ދިރިއުޅުން ބިނާކޮށްފައިވާ ގިނަ އާޓިސްޓުންތަކެއް ރާއްޖޭގައި ވެސް އުޅޭކަން ޒަހާ ފާހަގަކުރީ ކުރިމަގަށް އޮތް ފޮނި އުއްމީދާ އެކީގަ އެވެ.

https://www.instagram.com/p/CKnk_Lspv-t/

އާޓްސް އިން ކުރިއަށް ދިއުމުގައި އޭނާގެ އާއިލާއާއި ރަހްމަތްތެރިން ދޭ ހިތްވަރު ޒަހާ ފާހަގަ ކުރެ އެވެ. އާއިލާއާއި ރަހްމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ޒަހާއަށް މި ދާއިރާއިން ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް ޒަހާ ގަބޫލު ކުރެ އެވެ.

އޭގެ ތެރެއިން ވެސް ރާއިފް އާއި ޔާނާގެ ނަން ޒަހާ ފާހަގަ ކުރީ ޝުކުރުވެރި ކަމާއެކު އެވެ. އެދެ މީހުންގެ އެހީއާ ނުލައި ޒަހާއަށް މިހާ ހިސާބަށް ނާދެވޭނެ ކަމަށް އޭނާ ސިފަ ކުރެ އެވެ.

"އަސްލު ވަރަށް ހެލްޕް ލިބޭ އެދެމީހުންގެ ފަރާތުން. ކޮންމެ ގަޑިއެއްގަ ގުޅާލިއަސް އެހީވެދޭނެ،" އޭނާ ބުންޏެވެ.

ކުރެހުމަށް ޝައުގުވެރިވާ އަދި އެ ދާއިރާއިން މުސްތަގްބަލު ބިނާ ކުރަން ވިސްނާ ކުދިންނަށް ޒަހާ ދޭން އޮތީ އެންމެ މެސެޖެކެވެ. ރާސްތާއަކީ ދިގު އަދި އުނދަގޫ ރާސްތާއެއް ކަމަށްވިޔަސް ހިތްވަރާއެކު ކުރިއަށް ގޮސްފި ނަމަ ކާމިޔާބު ވާނެ ކަމަށް ޒަހާ ބުންޏެވެ.

"އެންމެ ފުރަތަމަ ފަހަރު ބޭނުންވާ ރިޒަލްޓް ނުލިބިދާނެ. ހިތްވަރު އެލުވާނުލާ ކުރިއަށް ދިޔައީމަ ވާނެ،" ނިންމާލަމުން ޒަހާ ބުނެލި އެވެ.

މޯލްޑިވްސް އާޓް ކޮމިއުނިޓީގެ ފަރާތުން ބޭއްވި ކުރެހުމުގެ މައުރަޒެއްގައި ރައީސް ސޯލިހު ޒަހާއާ ވާހަކަދައްކަވަނީ

ޒަހާ ފަދަ ޒުވާނުންނަކީ އަޅުގަނޑުމެންގެ މުޖުތަމައު އަށް ނުހަނު ބޭނުންޖެހިފައިވާ ބައެކެވެ. ލިބިފައިވާ ހުނަރާއި ފަންނުވެރިކަމުގައި ފަސްޖެހުމެއް ނެތި ކުރިއަށް ދިއުމަކީ އަރަމުން އަންނަ ކުރެހުންތެރިންނަށް ޒަހާގެ ވާހަކަ ލިބިދޭ އިބުރަތެކެވެ.

ޒަހާގެ ކުލަގަދަ މަސައްކަތަށް އައްސިރިބަހާ ސާބެހެވެ. ތިޔަ ހިތްވަރަކީ ފާހަގަ ކުރަންޖެހޭ ހިތްވަރެކެވެ. ހުރިހާގެ ފަރާތުން ޒަހާއަށް އެދެނީ އިތުރު ކާމިޔާބީއަށެވެ. އިތުރު ކުރިއެރުމަށެވެ.