މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގައި ތިބި ބިދޭސީން ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ހަދަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އަންގައިފި އެވެ. އެމްޕީއެލްގެ ބިދޭސީންގެ ހިޔާ ހުންނަނީ ހުޅުމާލޭގަ އެވެ.

މިދިޔަ ހަފްތާގައި ކާފިއު ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީންގެ ތެރޭން ލިޔެކިޔުމެއް ނެތި އުޅޭ މީހުން ބައިތިއްބައިފައި ތިބޭ އެމްޕީއެލް ހިޔާއަށް އެޗްއާރުސީއެމުން ވަނީ ޒިޔާރަތްކޮށް އެތަނުގެ ހުރި މައްސަލަތަށް ފާހަގަކޮށްފަ އެކަންތަށް ރަނގަޅުކުރަން އަންގައިފަ އެވެ.

އެގޮތުން އެމްޕީއެލް ހިޔާއަށް ގެންދާ ބިދޭސީން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބުމާ ހަމައަށް އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ބައިތިއްބަން އަންގާފައި ވެއެވެ. އެޗްއާރުސީއެމްއިން އަންގައިފައި ވަނީ ކޮވިޑަށް ޓެސްޓުކުރާ ފަރާތްތަކުގެ ނަތީޖާ ލިބެން ދެން އެމީހުން އަލަށް ގެންނަ ފަރާތްތައް ވަކިން ބައިތިއްބާށެވެ.

"ހަމަ މިއާއެކު، އެމްޕީއެލް ހިޔާއަށް ގެންދެބޭ ބިދޭސީ މަސައްކަތްތެރީން ލަސްވެގެން 24 ގަޑިއިރު ތެރޭގައި ޑޮކްޓަރަށް ދައްކައި ސިއްހީ ގޮތުން ކޮންމެހެން ދޭން ޖެހޭ ފަރުވާއެއް ހުރިކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއި އަދި ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތެއް ވާނަމަ ކާން ޖެހޭ ބޭސް މެދުނުކުނޑޭގޮތަށް ލިބޭކަން ކަށަވަރުކުރުން ހިމެނެ އެވެ." އެޗްއާރުސީއެމުން ބުންޏެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ ހިޔާގައި ބިދޭސީން ބައިތިއްބަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އެހެންކަމުން ހިޔާގައި ތިބި ބިދޭސީންނަށް އެމީހުން އެތަނަށް ގެންދިޔަ ސަބަބާއި އެތަނުގައި ބައިތިއްބާނެ މުއްދަތުގެ އިތުރުން އެމީހުންނަށް އަންނައުނު ފޯރުކޮށްދޭން ވަނީ އަންގައިފަ އެވެ.