ކޮވިޑް- 19ގެ ކަންތައް މެނޭޖުކުރަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް (އެޗްއީއޯސީ) ގާއިމްކޮށްފައި ހުރުމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެެވެ.

ކޮވިޑް-19 ބަލީގައި ނިޔާވި ފާތުމަތު މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީން ހިންގި ތަހުގީގު ޓުވީޓް ކުރައްވަމުން ސައީދު ވިދާޅުވީ، އެޗްއީއޯސީގެ ދުވަހު މަސައްކަތް ނިންމާ އެކަށީގެންވާ ވަރަށް އޮޑިޓެއް ހަދައި ފިޔަވަޅު އަޅާނަމަ އެހާ ހިސާބަށް ކަންތައް ނުދިޔައީސް ކަމަށެވެ. ސަރުކާރުގެ ވަޒީރުން ހިމެނޭ ގޮތަށް ވަޒީރުންގެ މަޖިލީހުން ޓާސްކު ފޯހެއް އުފެއްދީ ހެލްތް މިނިސްޓްރީގެ އިހުމާލުތައް ބަލައި ފިޔަވަޅު އަޅަން ނޫންތޯ އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީން އާއްމުކުރި ރިޕޯޓުން އެގެނީ އުމުރުން 10 އަހަރުގެ މިޝްކާއަށް އެކަށީގެންވާ ފަރުވާ ނުލިބުނީ އިހުމާލުތަކެއްގެ ސަބަބުން ކަމަށެވެ. މިޝްކާގެ ހާލު ދެރަވެގެން އެތައް ފަހަރެއްގެ މަތިން އާއިލާއިން އެމްބިއުލާންސްއަށް ގުޅުމުން ވެސް ކޯލް ސެންޓަރުން އެކަމަށް އަޅާނުލިކަން ރިޕޯޓުން އެނގެ އެވެ.

މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓުގައި އިހުމާލުތަކެއް ހިމެނޭއިރު އެއިން އެއްވެސް ފަރާތަކާއި މެދު އަދި މިހާތަނަށް ފިޔަވަޅެއް އަަޅައިފައެއް ނުވެ އެވެ. އެކަމަކު އެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ކުރިން ވިދާޅުވެފަ އެވެ.