މާލެ ޖަލާއި އައްސޭރި ޖަލުގައި ކޮވިޑު-19 ފެތުރި ގިނަ އަދަދެއްގެ ގައިދީން ކަރަންޓީން ވާން ޖެހުމުން އެ ގައިދީންގެ ޝަރީއަތުގެ އަޑުއެހުންތައް ހުއްޓިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޯޓުތަކުގެ އަޑު އެހުންތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ނަމަވެސް މި ދެ ޖަލުގައި ކޭސްތައް ގިނަވެ އަދި ކަރަންޓީނު ވެފައިވާ ގައިދީންގެ އަދަދު ގިނަ ކަމުން ޝަރީއަތްތައް މިވަގުތަށް ވަނީ މަޑުޖައްސާލާފަ އެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން ވިދާޅުވީ، ވީ އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އަޑުއެހުންތައް ކުރިއަށް ގެންދާނީ ގައިދީން ވަކި ތަނަކަށް ގެންގޮސް ކަމަށެވެ. އެހެންކަމުން އެކަކު އަނެކަކާ މަސްހުނިވެ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނީ ހުރިހާ މޫވްމަންޓެއް ހުއްޓާލައިގެން ކަމަށެވެ.

މާލޭ ޖަލުގައި ބަންދުކޮށްފައި ތިބި 27 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 117 ގައިދީއަކު ވަނީ ކަރަންޓީނުކޮށްފަ އެވެ. އައްސޭރި ޖަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 118 ގައިދީންނެވެ. ހުޅުމާލެ ޖަލުގައި ވެސް ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ޖަލުތަކުގައި ކޮވިޑްގެ ޖުމްލަ 147 ކޭސް އެބަ އުޅެ އެވެ. އޭގެތެރެއިން ހައިރިސްކް 17 ގައިދީއަކު ވަނީ ގެއަށް ބަދަލު ކޮށްފަ އެވެ.