ސްލޫކީ މައްސަލައެއް ސާބިތުވުމުން ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީއިން ގާޒީ ހުސައިން ފާއިޒްގެ މައްސަލައެއް ބަލަން ފެށީ ކޯޓުގެ ޝަރީއަތްކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުރޫމުގެ ބޭރުގައި މައްސަލަ ރައްދުވާފަރާތް ބޭންދުމަށް ފަހު މައްސަލައިގައި ހުކުމް ހަވާލުކުރުމަކީ ކުރާ ކަމެއް ކަމަށް ބުނެ ޝަކުވާ ލިބުމުންނެވެ.

އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ ހުސައިން ފާއިޒްގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ގާޒީ ހުސައިން ފާއިޒް ރަޝާދަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައާޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގަން ޖޫން ދެވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 44 ވަނަ ޖަލްސާގައި ކޮމިޓީގެ އައުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ގާޒީ ހުސެއިން ފާއިޒް އައްޔަންކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެވެ. އޭގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. ސިވިލް ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސް ކަމުގެ މަގާމުގަ އެވެ.