ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކްއަރީ" ނިންމާ 241 ކޮމިޓީގެ ރިޕޯޓް މި މަހުގެ ފަހު ހަފުތާގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމައިފި އެވެ.

ހަމަލާގެ އިންކުއައިރީ ކުރިއަށްގެންދާ މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަނީ ޓައިމްލައިނެއް އެކުލަވާލައިގެން ކަމަށެވެ.

ކޮމިޓީގެ މަސައްކަތްތައް މިހާތަނަށް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އަސްލަމް ވިދާޅުވީ އިންކުއަރީގެ ރިޕޯޓް ނިންމާ މި މަހުގެ ފަހުކޮޅު މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، އިންކުއަރީ ކުރިއަށް ގެންދިއުމަށް މިހާތަނަށް ކޮމިޓީގެ 35 ބައްދަލުވުމެއް ބާއްވާ، 83 ގަޑިއިރު ކޮމިޓީގެ މެންބަރުން އެ މަސައްކަތުގައި އުޅުއްވާފައިވާ ކަމަށެވެ. އަދި ނުރަސްމީ ވަގުތު ވެސް ވަރަށް ގިނަ ވަގުތު އިންކުއައިރީގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންކުއައިރީއަށް ބޭނުންވާ މައުލޫމާތު ހޯދަން ހަތް ފަރާތަކާއެކު ރަސްމީކޮށް މިހާތަނަށް ބައްދަލުކޮށް، ކޮމިޓީން ބޭނުންވާ ޖަވާބުތައް ވަނީ ހޯދައިފަ އެވެ. 241 ކޮމިޓީއަށް އެކިއެކި އިދާރާތަކުގެ ބޭފުޅުން ހާޒިރު ކޮށްގެން ބަލަމުންދާ މައިގަނޑު ކަމަކީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް އިތުރަށް ވިދާޅުވީ، ހަމަލާގެ އިިތުރުން އެހެން ބައެއް ކަންކަން ވެސް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އަސްލަމް މިއަދު ވަނީ އިންކުއަރީގައި ބަލަމުންދާ ބައެއް އިތުރު ކަންކަން ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ނަޝީދަށް ދިން ފަދަ ހަމަލާއެއް ތަކުރާރު ނުވާނެ ގޮތް ހެދުމަށްޓަކައި ގާނޫނީ ނިޒާމުގައި ހުރި މައްސަލަތައް ކޮމިޓީން ދަނީ ބަލަމުންނެވެ.

ކޮމިޓީގެ މަސައްކަތަށް އެއްވެސް މީހަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އެފަދަ ނުފޫޒެއް އޮތް ނަމަ އެ ވާހަކަތައް ހާމަކުރައްވާނެ ކަމުގައި ޔަގީންކަން ވެސް އަސްލަމް ވަނީ ދެއްވާފަ އެވެ.