އައްޑޫގައި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއް ބާއްވާ ގޮތަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުން "ދިޔަރެސް" ނޫހުން ލީކު ކޮށްލައިފި އެވެ.
ދިޔަރެސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހެލިކޮޕްޓަރާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުން އެދިވަޑައިގެން އިންޑިއާގެ ކުރީގެ ހައިކޮމިޝަނަރު ފޮނުއްވާފައިވާ ލިޔުމާއި، އެ އެއްބަސްވުން އައުކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފޮނުއްވާފައިވާ ސިޓީގެ އެ ނޫހަށް ވަނީ ލިބިފަ އެވެ.
އެ އެއްބަސްވުމާ ހަވާލާދީ ދިޔަރެސްއިން ގެނެސްދީފައިވާ ރިޕޯޓުގައި ބުނީ، އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ތިބޭ ސިފައިންނަށް ޑިޕްލޮމެޓިކް އިމުއިނިޓީ ލިބޭ ކަމަށެވެ. މާނައަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދު އެ މީހުންނަށް ނުހިގާނެ އެވެ، އަދި ރާއްޖޭގެ ގާނޫނަށް އެމީހުން ތަބާނުވިޔަސް އެޅޭނެ ފިޔަވަޅެއް ނޯންނާނެ އެވެ.
އެ އެއްބަސްވުމުގައި ވާގޮތުން އައްޑޫގައި ބާއްވާފައިވާ ހެލިކޮޕްޓަރުގެ އޮޕަރޭޝަން މަސައްކަތަށް އިންޑިއާ ސިފައިންގެ 24 މީހުން ތިބޭނެ އެވެ. އެ މީހުންގެ ފުރިހަމަ ކޮންޓުރޯލު އަދި ކޮމާންޑު އޮންނާނީ އިންޑިއާ ކޯސްޓުގާޑުގެ ކޮންޓިންޖެންޓް ކޮމާންޑަރަށެވެ. އެ ކޮމާންޑަރު ޖަވާބުދާރީވާންޖެހޭ ފަރާތެއްގެ ގޮތުގައި އެއްބަސްވުމުގައި ކަނޑައަޅާފައި ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. އެހެންކަމުން ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކާއި އެހެނިހެން ކަންތައްކުގައި ދިވެހި ސަރުކާރުގެ އެއްވެސް ބަހެއް މުހިންމެއް ނުވާނެ އެވެ.
އެ ހެލިކޮޕްޓަރު އަނބުރާ ގެންދިޔުމަށް ކުރީ ސަރުކާރުން ވަނީ އިންޑިއާއަށް އަންގައިފަ އެވެ. އަދި ހެލިކޮޕްޓަރާއެކު އިންޑިއާ ސިފައިން ވެސް ރާއްޖޭއިން ފޭބުމަށް ވެސް ކުރީ ސަރުކާރުން އެންގި އެވެ. ނަމަވެސް އެ އެންގުމަށް އިންޑިއާ ސަރުކާރުން އިޖާބަ ނުދީ ދިވެހި ސަރުކާރުގެ ރުހުން ނެތި އެ މީހުން ރާއްޖޭގައި ތިބީ އެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ކުރީ ސަރުކާރުން އެންމެ ފުރަތަމަ އެންގީ އެންގީ 2016 ވަނަ އަހަރުގަ އެވެ. އަދި ޖޫން 2018 ގައި ދިވެހި ސަރުކާރުން އެ އެންގުން ތަކުރާރު ކުރި އެވެ.
ކުރީ ސަރުކާރުގެ ވެރިކަން ނިމި، މިހާރު މިއޮތް ސަރުކާރުން ވެރިކަމަށް ވަޑައިގެންދިވެހި ސަރުކާރުން އިންޑިޔާ ސަރުކާރަށް ހެލިކޮޕްޓަރާ ގުޅޭ ގޮތުން 12 ޑިސެންބަރު 2018 ވަނަ ދުވަހު ސިޓީއެއް ފޮނުވި ކަމަށް "ދިޔަރެސް"އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ މަސް ދުވަސް ނުވަނީސް އިންޑިއާ ސަރުކާރާ ހެލިކޮޕްޓަރާ ގުޅޭ ގޮތުން މަޝްވަރާކުރި ކަން އެނގެ އެވެ. އެ މަޝްވަރާތަކަށްފަހު އިތުރު ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓްކުރަން ފެށި އެވެ.
"ދިޔަރެސް"އިން އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ހެލިކޮޕްޓަރުގެ ކަންތަކާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރާ މަޝްވަރާ ކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު 2020 ވަނަ އަހަރުގެ ނޮވެމްބަރުގައި "ދަ ޕްރެސް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ތިބެނީ ހެލިކޮޕްޓަރު ދުއްވަން ކަމަށެވެ. އަދި ހެލިކޮޕްޓަރު ދުއްވުމަކީ ކާރެއް ދުއްވުން ފަދަ ކަމެއް ނޫން ކަމަށް ވިދާޅުވެ ދިވެހިންނަށް ވަނީ މަލާމަތްކޮށްފަ އެވެ.
ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު ވެވޭ ކޮންމެ އެއްބަސްވުމެއް ދަނީ ގައުމީ ސަލާމަތަށް ނުރައްކާވާނެކަމަށް ބުނެ ސިއްރު ކުރަމުންނެވެ. އެއްބަސްވުންތައް ސިއްރު ކުރާތީ އިދިކޮޅު ކޯލިޝަނުގެ އިތުރުން ގިނަ އާއްމުން ދަނީ މި ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެގޮތުން ގައުމީ ސަލާމަތަށް ނުރައްކާވެވޭ އެެއްބަސްވުމެއް އިންޑިއާއެކު ހަދަން ނުޖެހޭނެކަމަށް އިދިކޮޅު ކޯލީޝަނުން ވަނީ ބުނެފަ އެވެ.
ދިވެހިންގެ މިނިވަންކަމަށް މިއަދު މިވަނީ ބުރޫ އަރާފައި. އިންޑިޔާ ދަށުވުމަށް ވުރެން ރަނގަޅުވާނެ ބޮޑުއަގެއް ދޭ ބަޔަކަށް ޤައުމު ވިއްކާލިޔަސް
ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްބަސްވުމެއް ހަދައިގެން ނުވާނެ. އަދި ހެދިފައިވިޔަސް ސިއްރކޮށް އޮޅުވާލައިގެން ނުވާނެ. އޭގެ ބަދަލުގައި އެ ހާމަކޮށް އެންމެން އެކީ މަސައްކަތްކޮށްގެން އެފަދަ އެއްބަސްވުންތަށް ލަސްނޮކޮށް އުވާލާ ދިވެހިންގެ ދީނާއި މިނިވަންކަން ކަށަވަރުކުރަންޖެހޭ. ފަރުދީޒިންމާ ނަގަންޖެހޭ މަތީފަޑިންފެށިގެން ތިރިޔަށް.