މިނިކޮއި (07 ޖޫން) - ލަކްޝަދީބުގެ އާ އެޑްމިނިސްޓްރޭޓަރުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ރައްޔިތުން ނުކުމެ ކަނޑު އަޑީގައި މުޒާހަރާ ކޮށްފި އެވެ.

ކަނޑުއަޑީގައި ކުރި މި މުޒާހަރާއަކީ އަލަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އިއްޔެ ކުރިއަށް ދިޔަ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްގެ ތެރެއިން ބޭއްވި ހަރަކާތެކެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލު ބާރަ ގަޑިއިރަށް ކުރިއަށް ދިޔަ އެވެ.

އާ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ކޯޑާ ޕަޓޭލްގެ ތަސައްވުރަކީ ދިވެހިރާއްޖެއާ އެއްވަރަށް ލަކްޝަދީބުގެ ފަތުރުވެރިކަން ތަރައްގީކުރުން ކަމަށްވީއިރު އެކަމަށްޓަކައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަކީ ލަކްޝަދީޕްގެ އަމިއްލަވަންތަ ސަގާފަތާއި އާދަކާދަ ގެއްލިގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެގޮތުން ކަނޑުއަޑީގައި މުޒާހަރާއެއް ބޭއްވީ ލަކްޝަދީޕްގެ އަމިއްލަވަންތަ ކަން ދައްކައިދިނުމަށް ކަމަށް ހަރަކާތް ހިންގުމުގައި އިސްވެ އުޅުނު ފަރާތްތަކުން ބުނެ އެވެ.

އާ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން ކުރަމުން އަންނަ މަސައްކަތްތަކަށް އެ ސަރަހައްދުގެ މަޖިލިސް މެމްބަރުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ. -- އެންޑީޓީވީ