ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގި މައްސަލަ އަދިވެސް ނުނިމޭ ކަމަށް އެ މައްސަލަ ބަލަމުންދާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން ވަނީ އެ މައްސަލަ ބަލައި ނިންމުމަށް 12 މީހެއްގެ ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މީގެ ކުރިން ދެ ފަހަރު މަތިން ފޮނުވައިފަ އެވެ. ކޮންމެ ފަހަރަކު ވެސް ހެކި ނެތް ކަމަށް ބުނެ ޕީޖީން ނިންމާފައި ވަނީ ދައުވާ ނުކުރާށެވެ. ނަަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޕްރެޝަރުގެ ސަބަބުން އެ މައްސަލަ ރިވިއު ކުރުމަށް ފަހު އަލުން ދައުވާ ކުރަން ފޮނުވަން ޕީޖީން އޭސީސީގައި އެދުނެވެ.

އޭސީސީން އެ މައްސަލަ އަލުން ބަލަން ފެށިތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަދި ވެސް އެ މައްސަލަ އެއްކޮށް ދިރާސާކޮށް ނުނިމެ އެވެ. މައްސަލަ ދިރާސާކުރުން އެހާ ދިގުދެމިގެންދާ ސަބަބު ހާމަކުރަން އޭސީސީން ވަނީ ދެކޮޅު ހަދައިފަ އެވެ. މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމުގެ ކުށުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ 12 މީހަކަށް ދައުވާ ކުރަން އޭސީސީން ފޮނުވި އެވެ.

އޭގެ ތެރޭގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ހެލްތު މިނިސްޓްރީގެ ކުރީގެ ނާއިބު ޝިޔާމާ މުހައްމަދާއި ނިޝާމާ މުހައްމަދު ވެސް ހިމެނެ އެވެ. އާއްމުންގެ ފާޑު ކިޔުން އަމާޒުވުމުން އަމީން ވަނީ މަގާމު އިސްތިއުފާ ދެއްވައިފަ އެވެ.

ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގަ އެވެ. އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރު ކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތަށް 75 ވެންޓިލޭޓަރު ފޯރު ކޮށް ދޭން އޮތް ނަމަވެސް މިހާތަނަށް ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެ އެގްރިމަންޓް ވެސް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.