މިޔުޒިކް ކުޅެގެން މީހަކަށް ހިތްހަމަޖެހުމެއް ލިބޭނަމަ އޭނާއަށް އެކަމުގެ ހިތްހަމެޖުން ލިބުނީސް ކަމަށް ކުރީގެ ލަވަ ކިޔުންތެރިޔާ އަދި ދީނީ އިލްމު ފެތުރުމުގައި އިސްދައުރެއް އަދާކުރަމުން ގެންދާ އަލީ ރަމީޒު ބުނެފި އެވެ.
ތ. ހިރިލަންދޫ ޒުވާނުންނާ އެކު އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އަލީ ރަމީޒް ބުނީ ލަވަޔާއި މިޔުޒިކް އަޑުއެހުމުން ލިބޭކަމަށް މީހުން ބުނާ ހިތްހަމަޖެހުމަކީ ވަގުތީ ކަމެއް ކަމަށެވެ. އަދި ހަގީގީ ހިތްހަމަ ޖެހުމަކީ ﷲ ހަނދުމަ ކުރުމުން ލިބޭ ހިތްހަމަ ޖެހުން ކަމަށް އޭނާ ބުންޏެވެ.
މާތް ﷲ ހަނދުމަކުރުމުގެ ހިތްހަމަ ޖެހުމަކީ ދާއިމީ ހިތްހަމަ ޖެހުމެއްކަމަށާއި ﷲ ހަނދުމަ ކޮށްގެން ލިބޭ ހިތްހަމަ ޖެހުމަކީ ދުލަކުން ނުވަތަ ގަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެ ވެސް ބޮޑު ހިތްހަމަ ޖެހުމެއްކަމަށް އަލީ ރަމީޒް ބުންޏެވެ.
"މިޔުޒިކަކީ ފުރާނައިގެން ކާނާއޭ ކިޔައިގެން ކިތަންމެ ވަރަކަށް އިޝްތިހާރު ގޮވިނަމަވެސް އެއީ ފުރާނައިގެން ކާނާއެއްނޫން. އެއީ ފުރާނައިގެން ހަލާކު،" އަލީ ރަމީޒު ބުންޏެވެ.
އޭނާ ބުނީ މިޔުޒިކަކީ މުޅި މީހާގެ ހަލާކު ކަމަށާއި މީސްތަކުން ﷲ ގެ ދީނުން ދުރުކުރުމަށްޓަކައި އިސްތިއުމާލު ކުރެވޭ އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ލަވަޔާއި މިޔުޒިކް ކަމަށެވެ.
މޯލްޑިވިއަަން އައިޑޮލް އިން އާއްމުންގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ، މުހައްމަދު އިޝާން ވަނީ އަލީ ރަމީޒުގެ ފަރާތުން ހިތްވަރު ލިބިގެން މިއަހަރުގެ ކުރީކޮޅު ލަވަކިޔުން ހުއްޓާލާފައެވެ.
އިޝާން ބުނީ "މިއުޒިކް ކުޅެ އަޑުއެހުން އެއީ މާތްﷲ އާއި ތިބާ އާމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް" ކަމަށެވެ. އަދި އޭގެ ސަބަބުން "ޝައިތާނާ އޭނާ ބޭނުން ކޮންމެ ގޮތަކަށް ނަފުސު ކޮންޓްރޯލް ކުރާ" ކަމަށް އިޝާން ބުންޏެވެ.
"ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށްވީ އިހްސާސްތަކާއި ނުބައްދަލު،" އިޝާން ބުންޏެވެ.
އިޝާން ވަނީ އޭނާގެ ލަވަތައް އަޑު ނޭހުމަށް ވެސް އެދިފަ އެވެ.