ކޮވިޑާ ހެދި ކުރިމަތިވި ދަތި ހާލަތުގައި ތިބި ގިނަ ބަޔަކަށް އެކި ފަރާތްތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ނުވަދިހައިގެ އަހަރުތަކުގާ ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ ސުޕަ ސްޓާ ސުނިލް ޝެޓީ ވަނީ ކޮވިޑް ބަލި ޖެހިފައިވާ މީހުންނަން ހިލޭ ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފަ އެވެ.
ސުނިލް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ ސީޑޫއާރު ފާމަސޫޓިކަލްސް އާ ގުޅިގެންނެވެ. މީޑިއާގައި ސުނިލް ބުނެފައިވަނީ މިފަދަ ހާލަތެއްގައި މިކަހަލަ ކަމެއްގައި ބައިވެރިވެވުނީތީ އުފާކުރާ ކަމަށެވެ. އެކަކު އަނެކަށް އެހީވުމަށް އަތާއަތް ގުޅުވާލުމަށް މިއަށްވުރެ ވަކި ރަނގަޅު ދަނޑިވަޅެއް ނެތް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ސުނިލް ވަނީ މީގެ ކުރިން ވެސް އޮކްސިޖަން ހަދިޔާކޮށް މުންބާއީގެ ޑައްބާގެ މަސައްކަތްކުރާ މީހުންނަށް ވެސް މި ލޮކްޑައުންގައި ގިނަ އެހީތަކެއް ފޯރުކޮށްދީފަ އެވެ.
ސުނިލްގެ އިތުރުން ވެސް ވަރަށް ގިނަ ފިލްމީ ތަރިން ވަނީ މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރެއިން ވެސް ސޯނޫ ސޫދް ފާހަގަ ކޮށްލެވެ އެވެ. އޭނާ ވަނީ އެތައް ހާސް މަސައްކަތު މީހުން އެ މީހުންގެ އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދީފަ އެވެ.