ކޮވިޑް-19 ޖެހިގެން އެތައް ބަޔަކު މަރުވާއިރު ރައްޔިތުންގެ މަޖިލީހަށް އެކަން އެހާ ސީރިއަސް މައްސަލައަކަށް ނުވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ އިމްތިޔާޒުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ސައީދު ވިދާޅުވީ، އާންމު ރައްޔިތުންގެ ހިމާޔަތާ ގުޅުން ހުރި އެއްވެސް މައްސަލައެއް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ނުގެންގޮސް ހަމައެކަނި ތިން ބާރުގެ ވެރިންގެ ހިމާޔަތުގެ ބަހުސްތައް ގެންދާތީ ކަންބޮޑުވާ ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ގެކޮޅާއި ރައްކާތެރިކަން ހަމަޖައްސައިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނަށާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައިވާތީ އެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮވިޑް-19 ގެ ބަލިމަޑުކަން އިންތިހާއަށް ގޮސް އިހުމާލުވެގެން އެތައް ފުރާނައެއް ގެއްލެމުންދާއިރު އާންމު ރައްޔިތުންގެ ފުރާނައާއި ރައްކާތެރިކަމާއި ހިމާޔަތާ ގުޅުން ހުރި މި މައްސަައިގެ ބަހުސަކަށް މަޖިލީހުގައި ސީރިއަސް ކަމެއް ނުދޭން ހިފާފައިވާ މަންޒަރު ފެންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

"ރައްޔިތުންގެ ހިމާޔަތަށް މާ ސީރިއަސް ކަމެއް ނެތް، ތިން ބާރުގެ ވެރިންގެ ހިމާޔަތުގެ ވާހަކަ ދައްކަ ދައްކައި މި މަޖިލީހުގެ މުޅި ހަފުތާ މި ނިމެނީ، މިހެން ވާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް،" ސައީދު ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް 191 މީހަކު ވަނީ މަރުވެފަ އެވެ. އަދި މިދިޔަ މަހާއި މި މަހުގެ މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ އެވެ. މިދިޔަ މަހު އެކަނި ވެސް 88 މީހަކު ކޮވިޑް ޖެހިގެން މަރުވި އެވެ. ކޮވިޑް ބަލީގައި މިހާ ގިނަ ބަޔަކު މަރުވަމުންދާއިރު، މަޖިލިހުން މިކަން ނުބަލާތީ ބައެއް އާންމުންގެ ފަރާތުން ވެސް މަޖިލިހަށް ވަނީ ފާޑު ކިއުންތައް އަމާޒުވެފަ އެވެ.

ސައީދު އިތުރަށް ވިދާޅުވީ ސަރުކާރުން ކަންކަން ކުރަމުން ދަނީ އަމާޒެއް ނެތި ކަމަށްވުމުން ސަރުކާރުގެ ސަބަބުން ރައްޔިތުންގެ ޓެކްސާ ފައިސާ ބޭކާރުވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުގެ ތިން ބާރު ވެސް އޮންނަނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ވުމުން ތިން ބާރުގެ ވެރިންގެ ހިމާޔަތް ވެސް އަންނަން ވާނީ ރައްޔިތުންގެ އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.