ޓޮރޮންޓޯ(09 ޖޫން) - އިގިރޭސިވިލާތުގެ ލަންޑަންގައި ހިނގި އެކްސިޑެންޓެއްގައި ކެނެޑާގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވުމުން މައްސަލަ ވަރަށް ހޫނުވެއްޖެ އެވެ.
މި ހާދިސާ ހިނގީ ޕިކަޕެއްގައި ދުއްވާފައި ދިޔަ މީހަކު އެ މީހުން ގައިގައި ޖައްސައިގެންނެވެ. މިއީ މުސްލިމުންނާ ދެކޮޅަށް އިގިރޭސިވިލާތުގައި ހިންގާ ނަފުރަތުގެ އަމަލުތަކުން އަމަލެއް ކަމަށް ފުލުހުން ޝައްކުކުރެ އެވެ.
އެކްސިޑެންޓްގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 46 އަހަރުގެ ފިރިހެނަކާއި އޭނަގެ އަންހެނުންގެ އިތުރުން އަންހެން ދަރިފުޅާއި އޭނާގެ މަންމަ އެވެ. މި ހާދިސާގައި އެ އާއިލާގެ ތިން ޖީލަކުން މީހުން ވަނީ މަރުވެފަ އެވެ.
އެ އާއިލާގެ ފިރިހެން ދަރިފުޅު ފުރާނައަށް ނުރައްކާ ނުވާ ފަދަ ޒަހަމްތަކަކާއެކު ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުންދާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން 20 އަހަރުގެ މީހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމާއި ގަސްދުގައި މީހަކު މަރާލަން މަސައްކަތު ކުރުމުގެ ދައުވާ ވަނީ އުފުލާފަ އެވެ.
ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައި ވަނީ ހައްޔަރުކުރި މީހާ އާއި މުޖުތަމައުގައި ނަފުރަތު ފަތުރަށް މަސައްކަތްކުރާ އެއްވެސް ޖަމިއްޔާއަކާ ގުޅުމެއްނެތް ކަމަށެވެ.
ނަމަވެސް މަރުވި މީހުންގެ އާއިލާއިން ވަނީ ފުލުހުންގެ މި ބަޔާން ދޮގުކޮށްފަ އެވެ. އެ މީހުން ބުނާގޮތުގައި ހައްޔަރުކޮށްފައިވާ މީހާއަކީ ކެނެޑާ މީހުންނާއި ޕާކިސްތާން މީހުންނާއި ދެކޮޅަށް ނަފުރަތު ފަތުރާ ގްރޫޕަކާ ގުޅުމެއް އޮތް މީހެއް ކަމަށެވެ.
މަރުވި އާއިލާގެ މީހުން ދަންނަ ރަހުމަތްތެރިން ބުނާގޮތުގައި އެ މީހުންނަކީ ހިތްހެޔޮ މިޒާޖެއްގެ ހެޔޮލަފާ ބައެއް ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން ހައްދުފަހަނައަޅާފައިވާ ކަމުގެ އެއްވެސް އަމަލެއް ފެނިފައިނުވާ ކަމަށެވެ.
އެ އާއިލާގެ ރަހުމަތްތެރިންނާއި ތިމާގެ މީހުން އިސްވެ މިހާރު ވަނީ މުސްލިމުންނާއި ދެކޮޅަށް ކުރެވޭ ތަފާތުކުރުންތަކާމެދު ހޭލުންތެރިކުރުމަށް ފަންޑު ކެންޕެއިނެއް ފަށާފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް