ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ކޮންސްޓްރަކްޝަން ކުންފުނިތައް އިއާދަ ނުކުރެވޭ ގެއްލުން ލިބޭނެކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅު ވެއްޖެ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ އިސްލާހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު އެވެ. އެ ބިލުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާ ކުރަން މިހާރު ވަނީ ކޮމެޓިީއަށް ފޮނުވާފަ އެވެ.
އެ ބިލު ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވީ އެ އިސްލާހުގެ ހުށަހެޅުމުގެ ބޭނުމަކީ 2019 ވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި އިންޓަކަނެކްޝަން ޗާޖާއި ރީ އިންޝުއަރެންސް ޕްރިމިއަމް އިން ޓެކްސް ދެއްކުން އިސްތިސްނާ ކުރުން ކަމަށެވެ.
މިހާރު އޮތް ގާނާނުގެ ދަށުން ޓެކްސް ނެގުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމާއި އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމުގައި ދިމާވާ ދަތިތައް ހައްލުކޮށް ހަރުދަނާކުރުމަކީ ބިލް ހުށަހެޅުމުގެ ބޭނުންކަމަށް ޒާހިރު ވަނީ ވިދާޅުވެފަ އެވެ. އެ އިސްލާހުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ ދިހަ ޕަސެންޓް ވިތުހޮލްޑިން ޓެކުސް ނުނަގަން ވެސް ހުށަހަޅައިފައިވެ އެވެ.
ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ބޭރުގެ ކުންފުނިތަކުން ދިހަ ޕަސެންޓް ވިތުހޮލްޑިން ނުނަގަން ނިންމީ ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ސަންކެން ކޮންސްޓްރަކްޝަން ކުންފުނިން ދައުލަތަށް ދައްކަން އޮތް ބޮޑު އަދަދެއްގެ ޓެކްސް މައާފުކޮށްދިނުމަށެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހާ ގުޅިގެން މެމްބަރު ސައީދު ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކަށް ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ވިތުހޮލްޑިން ޓެކްސް ނުނަގަން ނިންމައިިފިނަމަ، ރާއްޖޭގެ ކޮންސްޓްރަކްޝަން މާކެޓުގެ ތެރެއަށް ބޭރުގެ ކުންފުނިތަކުން ވަންނަ ފުރުސަތު ލިބޭނެ ކަމަށެވެ. އެއާއެކު ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް ބަނގުރޫޓު ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ވިތުހޮލްޑިން ޓެކްސްގެ ގޮތުގައި ބޮޑެތި ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭތީ އެކަަން ނުވާނެ ގޮތެއް ހޯދަން ސަރުކާރާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ސައީދު ވިދާޅުވެ އެވެ. ޓެކްސްއަށް ގެންނަ އިސްލާހާ ދެކޮޅަށް މޯލްޑިވިސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ތެދުވުމަށް ވެސް ސައީދު ވަނީ ގޮވާލައްވައިފަ އެވެ