ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ހައްޖު ގުރޫޕް ތަކަށް ފުރުސަތު ދެވެން ނެތް ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ޑރ. ޒާހިރު ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމުގެ ވަގުތު ވަރަށް ބޮޑަށް ކުޑަތަންވެފައި ވާތީ މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ އަމިއްލަ ޖަމުއިއްޔާ ތަކަށް އެ ފުރުސަތު ދެވެން ނެތް ކަމަށެވެ. މިއަހަރު ހައްޖަށް ދެވޭނެ މީހުންގެ އަދަދު ނުވަތަ ކޯޓާ ސައުދީ ސަރުކާރުން ރަސްމީކޮށް އެންގުމުން މިހާރުގެ ހާލަތައް ބަލައި ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު މިއަހަރު ލިބޭނީ ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުނި، ހައްޖު ކޯޕަރޭޝަނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އިސްލާމިން މިނިސްޓްރީން ހައްޖަށް މީހުން ގެންދަން ހުއްދެ ދެނީ ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތުން ފަސް ކުންފުންޏަަކަށެވެ.
ޑރ. ޒާހިރު ވިދާޅުވީ، ހައްޖަށް މީހުން ފޮނުވަން ޕްރޮޕޯސަލް ހުށަހަޅަން މިއަހަރު ހުޅުވާނުލަނީ ވެސް ސައުދީ ހައްޖު މިނިސްޓްރީން ރާއްޖެ އަށް ދޫކުރާ ކޯޓާގެ އަދަދު ރަސްމީކޮށް އަންގާފައި ނުވާތީ ކަމަށެވެ. ކޯޓާގެ އަދަދު ސާފު ކުރުމަށް ސައުދީގެ ހައްޖު މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށެވެ. ނަމަވެސް ސައޫދީ ފިޔަވާ އެހެން ގައުމުތަކަށް މި އަހަރު ހައްޖުވުމުގެ ފުރުސަތު ދޭނެ ކަމަށް ކަމަށް ސައުދީ ސަރުކާރުން މީގެކުރިން އިއުލާންކޮށްފައިވެ އެވެ.