މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ މީހުނަށް ބެހުމުގައި ބޭނުންކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން)ގެ ކުންފުންޏެއް ކަމަށްވާ ސިރިއަސް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ހިޔާނާތުގެ ފައިސާ ނޫން ކަމަށް އެސެޓު ރިކަވަރީ ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލަން ރައީސް ސޯލިހް އުފެއްދެވި އެސެޓު ރިކަވަރީ ކޮމިޝަނުން ސިރިއަސް އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ކުންފުނިން ތަހުގީގަށް ހުށަހަޅާފައިވާ ލިޔުންތަކާއި، އެސްއޯއެފް އިން ޑޮލަރު ވިއްކާފައިވާ ގޮތާއި ނަގުދު ފައިސާ އިން މުއާމަލާތުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ފައިސާ އަކީ ޑޮލަރު ގަތުމުގެ މުއާމަލާތުތަކެއްގެ ތެރެއިން އެ ކުންފުންޏަށް ލިބުނު ފައިސާކަމަށް ބެލިދާނެ އެކަށީގެންވާ ސަބަބުތައް ހުރިކަމަށް ތަހުގީގަށް ގަބޫލުކުރެވޭތީ އާއި އެ ނޫން ބޭނުމެއްގައި ދީފައިވާ ފައިސާކަމަށް ބަލަންޖެހޭ ސަބަބެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެންނާން ނެތަތީ، މި ވަގުތަށް ލިބެން ހުރި ހެކީގެ މައްޗަށް ބުރަވެ، އެ ކުންފުންޏާ ދެކޮޅަށް ކުރާނެ ތުހުމަތެއް ނެތް ކަމަށެވެ.

ހުސެއިންގެ ސިރިއަސް ކުންފުންޏަށް 2014 އަދި 2015 ގައި އެސްއޯއެފް އިން ވަނީ ޖުމްލަ 105،000.00 ޑޮލަރު ޖަމާކޮށްފަ އެވެ. އެސްއޯއެފް އަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ.

އެ ކުންފުނީގެ ހިއްސާދާރުން މިހާރު ތިބީ ފިލައިގެން ގޮސް އިނގިރޭސިވިލާތުގަ އެވެ. ހުސެއިންގެ ކުންފުނިން ޑޮލަރު މާރު ކުރިކަމަށް އެސެޓު ރިކަވަރީ ކޮމިޝަނުން ނިންމާފައިވާއިރު އެސްއޯއެފް އިން ފައިސާ ލިބުނު އެހެން ބައެއް ކުންފުނިތަކުން ޑޮލަރު މާރުކުރިކަމަށް ބުނުމުން ވެސް އެ ކުންފުނިތަކުގެ މައްޗަށް ކުރާ ތުހުމަތުތައް އެސެޓް ރިކަވަރީ ކޮމިޝަނުން އަނބުރާ ނުގެންދެ އެވެ.

އެގޮތުން މިހާރު މަގާމުން އެކަހެރިވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވާފައިވާ މިނިސްޓަރު އަހުމަދު މަހްލޫފު މަސްލަހަތު ހިމެނޭ ކުންފުންޏެއް ވެސް ހިމެނެ އެވެ. މަހްލޫމަށް ފުރަތަމަ ފަހަރު ކޮރަޕްޝަންގެ ތުހުމަތު ކުރެވުމުން އޭނާ ވަނީ މަގާމުން އެކަހެރިކޮށްފަ އެވެ. އޭނާ ވަނީ އެސްއޯއެފުން ލިބުނު ފައިސާއަކީ ޑޮލަރު މާރުކުރުމުގެ މުއާމާލެއްކަން ސާބިތުކޮށްދޭން އެކަމުގެ ލިޔެކިޔުން ވެސް ހުށަހަޅައިފަ އެވެ.

ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުންނާއި އޭސީސީން ނިންމީ އެއީ ތަހުގީގަށް އޮޅުވާލަން މަހްލޫފު ހުށަހެޅި ހެކިތަކެއް ކަމަށެވެ.