ބ. ދަރަވަންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ލަތީފު ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ގޯތި ތެރެއަށް ވަދެ ހުއްދަ ނަގައިގެން ނޫނީ ކޮށްގެން ނުވާނެ ފަދަ ކަމެއް ކުރިކަން ސާބިތުވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މެޖިސްޓްރޭޓް ލަތީފަށް ފިޔަވަޅު އަޅައިފި އެވެ.

ޖޭއެސްސީން ލަތީފުުގެ މައްސަލަ ބެލުމަށްފަހު ނެރެނު ބަޔާނުގައި ބުނީ، އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ގޯތި ތެރެއަށް ލަތީފް ވަދެފައި ވަނީ ހުއްދަ ނެތި ކަމަށެވެ. އަދި ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނެ ފަދަ ކަމެއް ކޮށްފައިވާ ކަން ސާބިތުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"ހުރިހާ"އަށް އެގިފައިވާ ގޮޮތުގައި، ލަތީފު ވަނީ އޭދަފުށި މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނުހޯދާ ވަދެ ފެން އަޅައިފަ އެވެ. އަދި ފެން އެޅީ އޭނާގެ މައްޗަށް ބަޔަކު ހަދާފައިވާ ސިހުރެއް ބާތިލްކުރުމަށްކަން ވެސް ވަނީ އެނގިފަ އެވެ.

ލަތީފްއާ ދެކޮޅަށް ހުށަހެޅުނު މައްސަލަ ސާބިތުވާތީ ޖޭއެސްސީން ވަނީ އޭނާއާ ދެކޮޅަށް ދެ ފިޔަވަޅެއް އެޅުމަށް ނިންމާފަ އެވެ. އެއީ ނަސޭހަތް ދިނުމަށާއި، ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ.