ކުއަލަ ލަމްޕޫރު (11 ޖޫން) - މެލޭޝިއާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް -19ގެ ކޭސްތައް އަދިވެސް 5،000 އަށްވުރެ މަތީގައި އުޅޭތީ އެ ގައުމުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް ދިގުދަންމަން ސަރުކާރުން ނިންމައިފި އެވެ.
ޖޫން މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފުރަބަންދުގެ މުއްދަތު އިތުރުކުރަން ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނިންމީ ހެލްތު މިނިސްޓްރީގެ ލަފާގެ މަތިން ކަމަށް ސީނިއާ މިނިސްޓާ އޮފް ސެކިއުރިޓީ އިސްމާއީލް ސަބްރީ ޔާކުބް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގައުމުގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުމާއި އާއްމުން އެއްވުންތައް މަނާވެފައި އޮތް އޮތުން ކުރިއަށް އޮތް 14 ދުވަހު ވެސް އެގޮތުގައި އޮންނާނެ ކަމަށެވެ. އަދި ވަޒީފާތަކަށް މީހުން ނުކުމެ އުޅުން ވެސް އާއްމު ގޮތެއްގައި ހުއްދަ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ގައުމުގައި އިއުލާން ކޮށްފައިވާ ފުރަބަންދުގެ ދަށުން އިގްތިސާދުގައި ހިންގޭނީ 17 ސިނާއަތެކެވެ. މި ފިޔަވަޅުތައް އެގައުމުން އަޅާފައިވަނީ މިދިޔަ މަހު އެ ގައުމުގައި ކޮވިޑް -19ގެ ކޭސްތައް އިތުރުވާން ފެށުމުންނެވެ.
މެލޭޝިއާގައި އެޅި ފިޔަވަޅުތަކާއެކު އެ ގައުމުގެ ޓްރާންސްމިޝަން ރޭޓް 0.4 ޕަސެންޓް ދަށްވެފައިވާ ކަމަށް ހަލްތު މިނިސްޓްރީން ބުނެ އެވެ. އެއާއެކު ބަލި ފެތުރޭ މިންވަރު ދަށްވެ، ކޭސްތައް މަދުވާނެ ކަމުގެ އުއްމީދު ވަނީ އާވެފަ އެވެ.
މެލޭޝިއާގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ބާރު ސްޕީޑްގައި ކުރިއަށް ދާއިރު، މިއަހަރުގެ ނިޔަލަށް އާބާދީގެ 80 ޕަސެންޓަށް ވެކްސިން ދިނުމަށް ސަރުކާރުން އަމާޒު ކަނޑަ އަޅާފައިވެ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް