އިންޓަނެޓް ސާވިސް ލަސްވުމުގެ ސަބަބުން ޝަރީއަތް ކުރިއަށް ގެންދިޔުމަށް ދަތިވާކަމުގެ ޝަކުވާ ބައެއް މެޖިސްޓްރޭޓުން މިއަދު ކުރައްވައިފި އެވެ.

ފަނޑިޔާރުންގެ އަހަރީ ބައްދަލުވުމުގައި، މެޖިސްޓްރޭޓު ކޯޓުތަކަށް ދިމާވާ ދަތިތަކާ ގުޅޭ ކަރުދާސްތަކެއް ހުށަހަޅައި އެ ކަންކަމާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ކަރުދާސްތައް ހުށަހެޅީ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެންނެވެ.

އެ ފަސް ޒޯނު ތަމްސީލު ކުރެއްވި ހުރިހާ އިސް މެޖިސްޓްރޭޓުންހެން ވަނީ އިންޓަނެޓްގެ ހިދުމަތް ލަސްވުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެގޮތުން ގއ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އިބްރާހިމް އިހްސާން ވިދާޅުވީ، އިންޓަނެޓުގެ ސްޕީޑު އިންތިހާއަށް ލަސްވުމުގެ ސަބަބުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން ދަތިވާ ކަމަށެވެ. އިންޓަނެޓް ލަސްވުމުގެ ސަބަބުން ޝަރީއަތްތަކުގައި އަޑާއި މަންޒަރު ލިބުން ދަތިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އިންޓަނެޓް ސްލޯވުމުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ބާއްވާއިރު އަޑާއި މަންޒަރު ލިބުން ދަތިވޭ،" މެޖިސްޓްރޭޓް އިހްސާން ވިދާޅުވި އެވެ.

ކޯޓުތަކަށް ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށް ގެންދިޔުމުގެ ކަންކަން ހުއްޓާލީ ކޮވިޑް- 19އާ ގުޅިގެންނެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު ޝަރީއަތްތަށް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެއް މާލަމަށް ވުރެ ގިނަ މާލަން ގުޅުވާލައިގެން ޝަރީއަތް ހިންގޭނެ ގޮތަށް މިދިޔަ އަހަރު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ތ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު ހަސަން ޒަހީން ވެސް ވިދާޅުވީ، ލަސް އިންޓަނެޓުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކަށް ބުރޫއަރާ ކަމަށާއި އޮންލައިންކޮށް ޝަރީއަތް ހިންގުމާއި އެހެނިހެން މަސައްކަތްތައް ކުރަން ދަތިވާ ކަމަށެވެ. ބައްދަލުވުމުގައި ވީޑިއޯއާ އެކު ޕްރެޒެންޓޭޝަން ހުށަޙަޅަން ވެސް ދަތިވެގެން ބައެއް ފަނޑިޔާރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެކަމަށް ދަތިވީ އިންޓަނެޓުގެ ހިދުމަތް ލަސްވުމުންނެވެ.

މީގެ އިތުރުން ބައްދަލުވުމުގެ މޮޑަރޭޓަރު ރ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު މުހައްމަދު ސޯދިގު ވިދާޅުވީ، ބޮޑެތި ހަރަދުތަކެއް ކޮށްގެން ފަނޑިޔާރުންގެ ބައްދަލުވުންތައް ބޭއްވި ނަމަވެސް، މެޖިސްޓްރޭޓުން ފާހަގަކުރާ މައްސަލަތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އިންޓަނެޓުގެ ލަސްވުމުގެ މައްސަލައިގެ އިތުރުން، ޖާގަ ނެތުމާއި ވަސީލަތް ނެތުމާއި ވަސީލަތްތައް ހަލާކުވެ އެތަކެތި ބަދަލު ނުކުރެވުމާއި މުވައްޒަފުން ނެތުމާއި ކޯޓުތަކުގެ އިމާރާތްތައް ބާވުމާއި ކައުންސިލާ އެއް އިމާރާތެއްގައި ކޯޓު ހިންގަން ޖެހުން ފަދަ މައްސަލަތައް މެޖިސްޓްރޭޓުން މިއަދު ފާހަގަކުރެއްވި އެވެ.