މިނިމަމް ވޭޖުގެ ތެރޭގައި ދޭ ބައެއް އެލަވަންސްތައް ހިމަނަން ސަރުކާރުން މަސައްކަތްކުރުންދާ ކަމަށް ބުނެ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޔޫނިއަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އަދި މިނިމަމް ވޭޖު ބޯޑުގައި އެ ޖަމިއްޔާ ތަމްސީލް ކުރައްވާ މެމްބަރު ފާތިމަތު ޒިމްނާ ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ މުވައްޒަފަށް ލިބޭ އެލަވެންސް ހިމަނައިގެން މިނިމަމް ވޭޖް ކަނޑައަޅަން ކަމަށެވެ. އަދި އެ ގޮތަށް އެކަން ކުރަން މަސައްކަތް ކުރަނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިނިމަމް ވޭޖު ކަނޑައަޅައިފި ނަމަ ކުރަން ޖެހޭ ހަރަދުތައް އިތުރުވާނެތީ ކަމަށެވެ.

އެލަވެންސް ހިމަނައިގެން މިނިމަމް ވޭޖު ކަނޑައަޅައިފިނަމަ މުވައްޒިފުންގެ ސޯޝަލް ސެކިއުރެޓީީ ދަށްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ދައުލަތުން ބުނަމުން ދަނީ ރިކަރަންޓް ހަރަދުގެ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ފުދޭވަރެއްގެ ބޮޑު ހަރަދެއް ކުރަމުންދާ ކަމަށް. މިހާރު ބޮޑަށް ދައުލަތުގެ ފަރާތުން ވަކާލާތު ކުރަމުން ދަނީ މުސާރައިގެ އިތުރަށް ސިވިލް ސާވަންޓުންނަށް ދޭ ތަފާތު އެލަވެންސްތައް ހިމަނައިގެން މިނިމަމް ވޭޖް އަދަދުތައް ކަނޑައަޅަން. މިގޮތަށް ކަނޑައެޅުމުން މުވައްޒަފުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބޭނެ،" ޒިމްނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ މިހާރުގެ ވިސްނުން އެހުރި ގޮތަށް މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ، މިނިމަމް ވޭޖު ކަނޑައެޅުމުގެ ހަގީގީ މަގުސަދު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި ސަރުކާރުން އެކި ބަހަނާތައް ދައްކައިގެން މިނިމަމް ވޭޖު ކަނޑައެޅުން ފަސް ކުރަމުން ދިއުމަކީ މަސައްކަތްތެރިނާ މެދު ވެވޭ ބޭއިންސާފެއް ކަމަށް ވެސް ޒިމްނާ ވިދާޅުވި އެވެ.

ޓްރޭޑް ޔޫނިއަނުން ބުނިގޮތުގައި، އެލަވެންސް ހިމަނައިގެން މިނިމަމް ވޭޖު ކަނޑައަޅަން ވާހަކަ ދައްކަމުންދާއިރު ހުށަހަޅާފައިވާ އަދަދުތަކަށް ވުރެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅޭކަން ވެސް ފާހަގަ ކުރެވިފައި ވެ އެވެ. އެހެންކަމުން އެލަވެންސް އިތުރުނުކޮށް، މަސައްކަތްތެރިންނަށް ފައިދާވާ ގޮތަށް މިނިމަމް ވޭޖު ވީހާ ވެސް އަވަހަށް ކަނޑައެޅުމަށް އެ ޖަމިއްޔާ އިން ސަރުކާރަށް ގޮވައިލި އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ތިން ކެޓަގަރީއަކަށް ބަހާލައިގެން 4،000ރ. އާއި 8،500ރ. އާ ދެމެދުގެ އަދަދުތަކެއް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް ހުށަހަޅާފައިވާއިރު، ދެވަނަ ކެޓަގަރީ އަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ވަނީ ހުށަހަޅައިފަ އެވެ.

ޓްރޭޑް ޔޫނިއަންގެ ކަންބޮޑުވުންތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އަދި އެއްވެސް ޖަވާބެއް ނުދެ އެވެ.