ހުޅުމާލެ ސަހަރާގައި ވަޅުލާ މީހުންގެ ތެރެއިން ޣައިރު މުސްލިމުން ވަޅުލާން ހާއްސަ ސަރަހައްދެއް ކަނޑައަޅައިފި އެވެ.
ހުޅުމާލޭ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު އޮންލައިން ނޫހަކަށް ވިދާޅުވީ، ސަހަރާ ބަލަހައްޓާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުސްލިމުންގެ ތެރޭގައި ޣައިރު މުސްލިމުން ވަޅުލާ މައްސަލަ ކަމަށެވެ. އެ މީހުން އެދެނީ ދެ ބައި ވަކި ކުރަން ކަމަށާއި އެގޮތަށް ނިންމީ ވެސް އެކި ފަރާތްތަކާ މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު އަދި ވިދާޅުވީ އެގޮތަށް ނިންމުމުގެ ކުރިން ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރެއްވި ކަމަށާއި، އެ ބޭފުޅުން ވެސް އެދުނީ މުސްލިމުންނާއި ޣައިރު މުސްލިމުން މަސްހުނި ނުވާ ގޮތަށް ވަޅުލުމަށް ކަމަށެވެ.
"މުސްލިމުންނާ މުސްލިމު ނޫން މީހުން މިހާރު ވަޅުލަނީ އެއް ވެސް ހަމައެއް ތަރުތީބެއް ނެތި. ކުރީ ކައުންސިލްގައި ވެސް އެ މީހުން އެދުނު އެގޮތަށް ހަދައި ދޭން. އޭރު އެކަން ނުވެފައި އޮތީ. ސަހަރާ ބަލަހައްޓާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ،" ސުޖާއު ވިދާޅުވި އެވެ.
މުސްލިމް ނޫން މީހުން ވަޅުލާ ސަރަހައްދު ވަކި ކުރާނީ ސަހަރާގައި ވަކި ފާރެއް ރާނައިގެންނެވެ. މިހާރު ކުރިއަށް ދަނީ އެ ފާރު ރޭނުމަށް ކުރާ ސާވޭގެ މަސައްކަތެވެ. ފާރު ރާނައި ދޭނެ ފަރާތެއް ހޯދަން މި ހަފުތާތެރޭ އިއުލާނު ކުރާނެ އެވެ.
ކޮވިޑް-19 ގައި މަރުވާ މީހުން ވެސް ވަޅުލަނީ ހުޅުމާލޭ ސަހަރާގައި ކަމަށާއި އެ އެންމެން ވެސް ބޭނުން ކުރަނީ މިސްކިތުގައި ހުންނަ އެންމެ ފާހާނާއެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެހެންވެ މިސްކިތުގައި ހަތަރު ފާހާނާ ހަދާނެ ކަމަށާއި އަންހެނުންނަށް ފަސޭހައިން ވުޟޫ ކުރެވޭނެ ގޮތަށް އެތަން ބަދަލު ކުރާން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.