ކޮވިޑް-19އާ ގުޅިގެން މި އަހަރު ވެސް އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ ފުރުސަތު ގެއްލިފައި ވާތީ، ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންނަށް އަންނަ އަހަރު ހައްޖުގެ އަޅުކަންކުރަން ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހައްޖުގެ އަޅުކަން އަދާ ކުރުމުގައި ސައުދީ އަރަބިއްޔާއިން ނިންމި ނިންމުމާ ގުޅިގެން، ހައްޖަށް މީހުން ފޮނުވުމަށް ރިޒާވްކުރި ޖާގައަށް އައިސްފައިވާ ބަދަލު އޮންލައިންކޮށް ފެންނާނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ހަމައެކަނި ސައުދީގައި ދިރިއުޅޭ މީހުންނަށް ދިނުމަށް އެ ގައުމުން ނިންމުމުން އެ ކުންފުނިން މި އަހަރު ކުރުމަށް ހަމަޖެއްސި ހައްޖު ދަތުރު ކެންސަލް ކޮށްފައިވާ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ. ހައްޖަށް ދާން ޖާގަ ރިޒާވް ކޮށްފައިވާ ތަރުތީބުން އެއް އަހަރު ދުވަހަށް ފަސް ކޮށްފައިވާ ކަމަށާއި، މި އަހަރު ހައްޖުވާން ޖާގަ ދިން މީހުންނަށް އަންނަ އަހަރުގެ ހައްޖުގައި ބައިވެރިވުމަށް ފުރުސަތު ދޭން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ސައުދީގައި އުޅެ މީހުނަންށެވެ. އެގޮތުން 10،000 މީހުން މިދިޔަ އަހަރު ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައިވެ އެވެ.