ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފަޔާ ޚިލާފަށްކަން "ހުރިހާ"އަށް އެނގިއްޖެ އެވެ.

ޒިކުރާ މިސްކިތް އަޅަން އެސް ޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގައި ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިދިޔަ ހަފުތާގައި ވަނީ ފޮނުވައިފަ އެވެ.

ޒިޔާދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް، ޒިކުރާ މިސްކިތުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން ބާތިލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އޭޖީ އޮފީހުން ދިން ލަފަޔާ ޚިލާފަށެވެ. އަދި އެއާއެކު އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އެޓާނީ ޖެނެރަލް އޮފީހަށް ދޮގު މައުލޫމާތުތަކެއް ދިންކަން މިވަނީ ހާމަވެފަ އެވެ.

އިސްލާމިކް މިނިސްޓަރު އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވި ސިޓީއެއްގައި ވަނީ މިސްކިތް ހަދާ އިމާރާތުގެ ކޮންސެޕްޓް ޑްރޯވިން ހުށަނާޅާ ކަމަށް ބުނެ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ނަމަވެސް އެސްޖޭ އިން އެ ކޮންސެޕްޓް ޑްރޯވިން 12 އޮގަސްޓް 2012ގައި އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ލިޔުމެއް ވެސް "ހުރިހާ"އަށް ލިބިފައިވެ އެވެ.

މަސްޖިދުއް ޒިކުރާ ތަޅާލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ސޯޝަލް މީޑިއާ

މާލޭގެ ޕްލޭނިން ގަވައިދު ބުނާ ގޮތުން 100 ފޫޓަށް ވުރެ އުސް އަދި ސަރުކާރުގެ އިމާރާތެއް ހަދާ ނަމަ ކަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅައި، ފާސްވުމުން އިމާރާތްކުރެވޭނީ އެ ކޮންސެޕްޓާ އެއްގޮތަށެވެ.

ޒިކުރާ މިސްކިތުގެ އެއްބަސްވުން މި ސަރުކާރުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެސްޖޭ އިން ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2018 ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމީ ސަރުކާރުންނެވެ.