ރާއްޖޭގެ ޑްރައިވިން ލައިސަންސް އެހެން ގައުމުތަކުގައި ބޭނުންކުރެވޭ ގޮތް ހަދަން ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުން ރުހުން ދީފައިވާ ދެ މުއާހަދާއަކީ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" އެވެ.

އެ ދެ މުއާހަދާގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވީ މިދިޔަ މާޗު 15 ގަ އެވެ. ރައީސް ހުށަހެޅުއްވި ގޮތަށް އެ ދެ މުއާހަދާގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އޮތީ ރުހުން ދީފަ އެވެ. އަދި އެކަމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 48 މެމްބަރަކު ވޯޓު ދެއްވި އެވެ.

ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ ދެ މުއާހަދާގައި ބައިވެރިވުމުން، އެ ދެ މުއާހަދާގައި ބައިވެރިވެފައިވާ ގައުމަކުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއް ގައުމު އަނެއް ގައުމުގައި ބޭނުންކުރެވޭނެ އެވެ. މި ދެ މުއާހަދާގައި ބައިވެރިވުމުން މެންބަރު ހުރިހާ ގައުމެއްގައި މަގުމަތީގައި ބޭނުންކުރާ ނިޝާންތައް ބައިނަލްއަގުވާމީ މިންގަނޑަށް ފައްތައި އެއް މިންގަނޑަކަށް ބަދަލުކުރަން ޖެހޭނެ އެވެ.