ލަންޑަން (14 ޖޫން) - އިނގިރޭސިވިލާތުގައި ބޭއްވި ޖީސެވަން ސަމިޓުގައި ބައިވެރިވި އެ ގައުމުގެ ލީޑަރުންނަށް އިގިރޭސި ސަރުކާރުން އިންތިޒާމްކުރި ބާބަކިއުގެ މައްސަލަ ހޫނުވުމުން އެ ގައުމުން އެކަން ދިފާއު ކޮށްފި އެވެ.

ކޮވިޑް -19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ބޭއްވި މި އިވެންޓްގައި މާސްކު ނާޅައި ގައިދުރު ކުރުމެއް ނެތި ގިނަ ބަޔަކު ވަނީ އެއްވެފަ އެވެ.

އެ ގައުމުގެ ފޮރިން ސެކެޓްރަރީ ޑޮމިނިކް ރާބް ވިދާޅުވީ ބާބަކިއު ކުރިއަށް ދިޔައީ ހާމައަށް ވައި ދައުރުވާ، އޯޕަން އޭރިއާއެއްގައި ކަމަށާއި އިވެންޓްގައި ބައިވެރިވީ އެއްކޮށް އުޅުނު އެއް ބަބަލް އެއްގެ ބޭފުޅުން ކަމަށެވެ. އަދި ބާބަކިއު ހަމަޖެއްސުމުގައި ގައުމުގެ ކޮވިޑް ހާލަތަށް ވެސް ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ ބާބަކިއު ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިންނަށް ސިއްރުން އިގިރޭސިވިލާތުގެ ބީޗް ރިސޯޓެއް ކަމަށްވާ ކާބިސް ބޭގަ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އާއްމު އެއްވުންތަކުގައި 30 މީހުންނަށްވުރެ ގިނައިން ބައިވެރިވުމަކީ މަނާ ކަމެކެވެ. ނަމަވެސް އެ ބާބަކިއުގައި ބައިވެރިންގެ އާއިލާ ވެސް ހިމެނޭހެން 30 މީހުންނަށް ވުރެ ގިނައިން ބައިވެރިވި އެވެ.

ކޮވިޑްގެ ހާލަތުގައި ޖީސެވަން ލީޑަރުންގެ ފަރާތުން ފެނުނީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ އިގިރޭސި ސަރުކާރަށާއި ޖީސެވަން ސަމިޓުގެ ބައިވެރިނަންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. --ދަ ސްޓްރެއިޓްސް ޓައިމްސް