ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނި މުއްދަތު ފަހަނައަޅާ ދިޔަ އިރު ވެސް އެއްވެސް ފިޔަވަޅެއް ނާޅައި އޮތްކަން ހާމަވެއްޖެ އެވެ.

ކޮވިޑް-19 ބަލީގައި މިޝްކާ ނިޔާވީ އެމެޖެންސީގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ ދެވަނަ ދުވަހުގެ ރެ އެވެ. އުމުރުން 10 އަހަރުގެ މިޝްކާ ހޮސްޕިޓަލަށް ގެންދިޔައީ އޭގެ އެއް ރޭ ކުރިންނެވެ. އޭރު ވެސް މިޝްކާގެ ހާލު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އާއިލާ އިންނާއި ހެލްތު މިނިސްޓްރީގެ ރިޕޯޓުން އެނގުނު ގޮތުގައި މިޝްކާ ބަލާ އެމްބިއުލާންސް އައީ ދެ ގަޑިއިރަށް ވުރެ ގިނަ އިރުވި ފަހުންނެވެ.

ނިޔާވި މިޝްކާ ހޮސްޕިޓަލަށް ގެންދިޔަ ރޭގައި ކަންތައް ހިނގާދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓް އާއްމުކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެމްބިއުލާންސް އަށް ފުރަތަމަ ގުޅި ގަޑިން ފެށިގެން ގޮސް ދެން އޭގެ ފަހުން އެޗްއީއޯސީން ކަންކުރި ގޮތާއި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަން ހިނގިގޮތް ރިޕޯޓުގައި ވަނީ ބަޔާންކޮށްފަ އެވެ. އެ ރިޕޯޓު އާއްމު ކުރީވެސް ރިޕޯޓު އާއްމުކުރާނެ ކަމަށް ބުނި މުއްދަތު ހަމަވި ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިޝްކާގެ މައްސަލާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެދިވަޑައިގެންނެވީ ހަފްތާއެއްގެ މުއްދަތު ދެއްވުމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ހަފްތާއެއްގެ ފުރުސަތެއް. އޭރަށް މައްސަލައިގެ ތަހުގީގު ނިންމާލެވޭނެ،" ނަސީމް ވިދާޅުވެފައި ވެ އެވެ.

މިނިސްޓަރު އެދުނު ގޮތަށް ކޮމިޓީން ދިން އެއް ހަފްތާގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. ނަމަވެސް މިޝްކާގެ މަރާ ގުޅިގެން އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.

އިއްޔެގެ ވަގުތެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ނަސީމު ވިދާޅުވެފައި ވަނީ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މަރުގެ ރިޕޯޓުން ފެންނަން ގޮތުން ނަމަ އެންމެ ބޮޑަށް އިހުމާލުވެފައި އޮތީ ކޯލް ސެންޓަރުންނެވެ. އެކަމަކު ކޯލް ސެންޓަރެއްގެ މުވައްޒަފަކަށް އަދި މިހާތަނަށް އެޅި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެކަން ހެލްތް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މަޖިލީހުގެ ކޮމިޓީން ދިން މުއްދަތު ހަަމަވާނީ މާދަމާގެ ނިޔަލަށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މެމްބަރަކު "ހުރިހާ"އަށް ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލައިގެ އިތުރު މައުލޫމާތެއް ލިބޭނީ ހެލްތް މިނިސްޓްރީއާ އެކު ދެން ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.