މިދިޔަ ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރި ހިޔާ ފުލެޓު މައްސަލާގައި ސަރުކާރުން މަސައްކަތް ކުރަނީ ފުލެޓްތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޮލަށް ޖެހުމަށްފަހު، އެކަމުން ބޯ ދަމައިގަންނަން ކަމަށް މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ވިދާޅުވެއްޖެ އެވެ.

މިއަދު ސިޓީ ކައުންސިލާއި ހައުުސިން މިނިސްޓްރީގެ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ، މީގެ ކުރިން ވެސް ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިން މަޝްރޫއުތަކަށް ފައިސާ ދައްކަނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. އެގޮތުން ރައްޔިތުން އަތުން ކުލީގެ ގޮތުގައި ނަގާ މިންވަރުގެ ބާކީ ހުރި ބައި ސަރުކާރުން ދައްކަމުން އަބަދުވެސް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ކުރިން ލޯނުތައް ދައްކަމުން އައި ގޮތް ސަރުކާރުން ބަލަންޖެހޭ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އެކި ދުވަސްވަރު ބިނާކޮށްފައިވާ ސޯޝަލް ހައުސިންގެ ލޯނުތައް ވެސް އަދާކުރަމުންދަނީ ދައުލަތުން ލޯނު ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިޔާ ފްލެޓަށް 5،000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ހަމަޖެއްސީ ފްލެޓް ދިނުމަށް ފަހު ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.