ހެންވޭރު އާޓިފިޝަލް ބީޗުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށް ހެދި ރޭމްޕްގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން އާޓިފިޝަލް ބީޗްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޭމްޕެއް ތަރައްގީކުރަން ފެށީ މިއަހަރުގެ މާޗް މަހުގަ އެވެ.

އެމްޓިސީސީއިން ބުނީ މިދިޔަ އާދިއްތަ ދުވަހު އެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔައީ ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސެބިލިޓީގެ އެހީއާއެކު އެވެ.

މި މަޝްރޫއުގެ ދަށުން، 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއް ހެދުމާއި، ޗޭންޖިން ހޮއިސްޓެއް ހެދުމާއި، ޝޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުރީގެ ސަރުކާރުގެ ވެރިކަމުގައި އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރަން އެ ސަރަހައްދުގައި ހުރި ސްޓޭޖް ތަޅާލާއި އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވަނިކޮށް ވެރިކަން ވަނީ ބަދަލުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ ސަރަހައްދުގައި ގިނަ ގަސްތަކެއް އިންދުމަށްފަހު، ޕާކެއް ގޮތުގައި އެތަން ވަނީ އަލުން ހުޅުވާފަ އެވެ.