މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ދިިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ކަމަށާއި ރަށްތައް ހުސްކޮށް މީހުން ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ، ރަށެއްގެ އާބާދީ އެކީގައި އެހެން ތަނަކަށް ބަދަލުކުރުމަކީ ތަންކޮޅެއް ކުރީގެ ސިޔާސަތެއް ކަމަށެވެ. އަދި އޭގެ ބަދަލުގައި މިހާރުގެ ސިޔާސަތަކީ ރަށްތައް ގުޅުވައިދިނުން ކަމަށާއި މީހުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރުމަކީ މީހުން އަމިއްލައަށް ބޭނުންވެގެން ކުރާކަމެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، މީހުން އުޅެން ކަމުނުދާ ކަމަށް ކުރިން ބެލެވުނު ބައެއް ރަށްތަަކަކީ މިހާރު ވަރަށް އަގުހުރި ރަށްތަކަށް ވެފައިވާ ކަަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުގައި އަސްލަމް ދެއްކެވީ ވ. އަތޮޅުގެ ބައެއް ރަށްތަކެވެ. ވ. އަތޮޅުގެ ރަށްތަކަކީ ލޯކަލް ޓޫރިޒަމްގައި މިހާރު ވަރަށް އަގުހުރި ރަށްތަކެވެ.

"ބައެއް ތަންތަނަކީ އިކޮނޮމިކަލީ މާ އެޓްރެކްޓިވް ތަނަކަށް ވެގެން މީހަކު މައިގްރޭޓްކޮށްފާނެ. އަނެއްބައިމީހުން ތިބި ތަނުގައި، އެތަން ހިތްފަސޭހަވެގެން ތިބެން ވެސް ނިންމަފާނެ. އެހެންވީމާ ސަރުކާރުގެ ވިސްނުމަކުއެއް ނެތް މިހާރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދު މަދުކުރުމެއް،" އަސްލަމް ވިދާޅުވި އެވެ.

ރަށެއްގައި މީހުން ދިރިއުޅެން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނާނެކަމަށް އަސްލަމް ވަނީ ވިދާޅުުވެފަ އެވެ. ލަފާފުރުމާއި ކަރަންޓާއި މުވާސަލާތީ ހިދުމަތް އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު ހުރެ އެވެ. އާބާދީ މަދުވެގެން ކަމެއް ނުކޮށްްދިނުމުގެ ވިސްްނުމެއް ވެސް ސަރުކާރުން ނުގެންގުޅޭކަމަށް އަސްލަމް ވިދާޅުވި އެވެ.